އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާހާއި އެނޫންވެސް ތަކެތި ރަށްރަށް ފޮނުވާ ނިމިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ޕީއެސްއެމަށް ވިދާޅުވީ، ވޯޓުލާ ހުރިހާ މަރުކަޒަކަށް ބޭނުންވާ ވޯޓު ފޮއްޓާއި ކަރުދާސް އަދި އެނޫންވެސް ތަކެތި ރިސޯޓްތައް ފިޔަވާ އެހެން ހުރިހާ މަރުކަޒުތަކަށް ފޮނުވާ ނިމިފައިވާކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކުގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަށްވެސް ތަކެތި ފޮނުވާފައިވާކަމަށް ޙަސަން ވިދާޅުވިއެވެ. ރާއްޖެއިން ބޭރުގައިި ވޯޓު ފޮށި ބަހައްޓަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ.
ރާއްޖޭގެ 137 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާއިރު އޭނާ ވިދާޅުވީ ވޯޓުލާން ބޭނުންވާ ތަކެތި މާދަމާގެ ނިޔަލަށް ރިސޯޓްތަކަށްވެސް ފޮނުވާ ނިންމާލެވޭނެކަމަށެވެ.
ޙަސަން ވިދާލުވީ، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުންވެސް ރާއްޖެއިން ބޭރަށް މިހާރު ފޮނުވާފައިވާކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސަރަހައްދުގައި 600 ވޯޓުލާ މަރުކަޒު ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުގައި ޓެންޓު ޖަހައިގެން ވޯޓުލުމަށް 40 މަރުކަޒު ޤާއިމްކުރާނެއެވެ. އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް