މާލޭ ސިޓީގެ މޭޔަރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެއްޖެނަމަ ސަރުކާރަށް އުނދަގޫ ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ރޭ ޓީވީ ޗެނަލްއަކުން ގެނެސްދިން ޕްރޮގްރާމެއްގައި މިނިސްޓަރު ފައްޔާޒް އިސްމާޢިލް ވިދާޅުވީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި މުއިއްޒު ހޭދަކުރެއްވި ހަތް އަހަރުތެރޭ ކުރެއްވިހާ ވެސް ކަމަކީ އެމްޑީޕީ އަށް އުނދަގޫ ކުރުން ކަމަށާއި އެގޮތުން އެމްޑީޕީގެ ކައުންސިލެއް އޮތީތީ މުޅި މާލޭގެ ރައްޔިތުންނަށް ޖެއްސުން ކުރެއްވި ކަމަށެވެ. އަދި މިހާރު އެމްޑީޕީގެ ސަރުކާރެއް އޮތްއިރު މާލޭގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބުވެއްޖެނަމަ ސަރުކާރުން މާލެ އަށް ކޮށްދޭން ބޭނުންވާ އެއްވެސް ކަމެއް ކުރެވޭނެ ތަނެއް ނުފެންނަ ކަމަށާއި ކައުންސިލާއި ގުޅިގެން ކަންކަން ކުރަން ވެސް އޭރުން ދަތިވާނެ ކަމަށް ފައްޔާޒް އިސްމާޢިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ މުއިއްޒުގެ ހަތް އަހަރުގެ ތަޖުރިބާގެ ތެރެއިން ކުރައްވާނެ ކަމަކީ ސަރުކާރަށް އުނދަގޫ ކުރެއްވުންކަން. އެއީ މިއަދު މިއޮތީ މުއިއްޒު ގަބޫލުކުރާ އިދިކޮޅު ސަރުކާރެއް. އެކަން މިދިޔަ ހަތް އަހަރު އެމްޑީޕީ އަށް ފެނިގެން ގޮސްފައި އެ އޮތީ" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައްޔާޒް އިސްމާޢިލް ވަނީ ފާއިތުވި ހަތް އަހަރުތެރޭ މުއިއްޒު ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށް ވެސް ވިދާޅުވެފައެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ ރައީސް ޔާމިންގެ ސަރުކާރުގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެމްޑީޕީގެ ފަރާތުން އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެވެ.
ކައުންސިލް އިންތިހާބު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް