ރޯދަމަހު ބީއެމްއެލް ބްރާންޗްތައް ހުޅުވިފައި ހުންނާނެ ގަޑިތައް ހާމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 1442 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ. އެގޮތުން، ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓ...

07 Apr 2021 | 06:38

ބޭންކް އޮފް މޯލްޑިވްސް އިން 1442 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ.

އެގޮތުން، ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.

ބީއެމްއެލް އިން ބުނެފައި ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް މި ރަމަޟާންމަހު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިިން ބުނެއެވެ.

އެގޮތުން މި މުއްދަތުގައި ހިދުމަތްތަކަށް ކަނޑައެޅިފައިވާ ވަގުތުތަކަށް ބަލާއިރު، ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ)، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމާއި ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) އަދި ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށްހަމަޖެހިފައި ވެއެވެ.

އަދި އެހެން ބޭންކްތަކުގެ ޗެކް ޕްރޮސެސް ކުރާއިރު، ހެނދުނު 10:00 ގެ ކުރިން ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައި ވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އެނޫން ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށް ބިއެމްއެލް އިން މައުލޫމާތު ދެއެވެ.

މާލޭ ސިޓީގައި ބޭންކިންގ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނަގައި،  ހިދުމަތް ހޯއްދެވުމަށް ބޭންކަށް ދިއުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކްކޮށްލުމަށްވެސް ބީއެމްއެލް އިން އެދެމެވެ.

އެކައުންޓް އޯޕެނިންގ ސެންޓަރ، ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

https://www.bankofmaldives.com.mv/book-appointment

މި ދަނޑިވަޅުގައި ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް ބީއެމްއެލްއިން ކަސްޓަމަރުންގެ ފަރާތުން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް