މަޖިލީހުގެ ޖަލްސާ ކަޓުވާލާފައި ގިނަ މެމްބަރުންތަކެއް ދާއިރާއަށް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެ، 20 އިއްޒަތްތެރި މެމްބަރަކު އެ މީހުންގެ ދާއިރައަށް ޒިޔާރަތްކޮށްފިއެވެ. މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސ...

07 Apr 2021 | 06:24

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ސަލާމް ވިދާޅުވެ، 20 އިއްޒަތްތެރި މެމްބަރަކު އެ މީހުންގެ ދާއިރައަށް ޒިޔާރަތްކޮށްފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި ޖަލްސާގެ ހާޒިރީ އިއްވަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ 22 މެމްބަރުން ކަމަށެވެ. ނަޝީދު ވިދާޅުވީ، ސަލާމުގައި ވެސް 22 މެމްބަރުން ތިއްބެވި ކަމަށާއި، ރަސްމީ ދަތުރުފުޅެއްގައި ދެ މެމްބަރުން ތިއްބެވި އިރު ކަރަންޓީނުގައި ތިން މެމްބަރަކު ތިއްބެވި ކަމަށެވެ.

ޖަލްސާއަށް މެމްބަރުން ހާޒިރު ނުވި ސަބަބު ސާފުކޮށް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ސަލާމުގައި ތިއްބެވި 22 މެމްބަރުންގެ ތެރެއިން 20 މެމްބަރުން ވަޑައިގެންވީ އެ މެމްބަރުންގެ ދާއިރާއަށް ކަމަށެވެ.

"އެބޭފުޅުންގެ ދާއިރާގެ މަސައްކަތުގައި ތިއްބެވި ބޭފުޅުން،" މަޖިލިސް ރައީސް ވިދާޅުވި އެވެ.

މެމްބަރުން ދާއިރާއަށް ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތައް ގޮތުގައި ކަނޑައަޅަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފަ އެވެ. ނަމަވެސް،  މަޖިލިސް މެމްބަރުން ދާއިރާއަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލިސް އިދާރާއަށް ލިޔުމަކުން ހުއްދައަށް އެދެން ޖެހޭނެ އެވެ. އަދި ދަތުރު ކުރެވޭނީ އިދާރާއިން ހުއްދަ ދިނުމުންނެވެ.

މަޖިލިސް ރައީސް ވިދާޅުވީ އެ މެމްބަރުން ވަޑައިގެންނެވި އިރުގައި އާންމު ކޮމިޓީގެ އުސޫލު އަދި އޮތީ ފާސް ނުވެ ކަމަށެވެ. އެހެންކަމުން އާ އުސޫލުގެ ދަށުން ވަޑައިގެން ތިއްބެވީ ހަމައެކަނި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން އާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު ކަމަށެވެ.

މިއަދު ރެކޯޑު އަދަދަކަށް މެމްބަރުން ސަލާމް ވިދާޅުވި އިރު، މިއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން ބާއްވާ އެންމެ ފަހު މަޖިލިސް ޖަލްސާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް