ގަމަރިއްޔާ އަލީ، ހަމަ އެކަނި އަތޮޅު ރައީސާ!

ދިވެހިރާއްޖޭގެ ތާރީޚުގައި އަންހެނުން އަތޮޅުވެރިކަން ކޮށްފައިވެއެވެ. އެކަމަކު ތ. އަތޮޅު ކައުންސިލްގެ ރައީސާ ކަމަށް ގަމަރިއްޔާ ޢަލީ (ގަމަރު) އިންތިހާބުވެއްޖެ ނަމަ އޭނާ ވެގެން ދާނީ މި ފަހުގެ ތާރީޚުގައި އ...

07 Apr 2021 | 05:38

ދިވެހިރާއްޖޭގެ ތާރީޚުގައި އަންހެނުން އަތޮޅުވެރިކަން ކޮށްފައިވެއެވެ.

އެކަމަކު ތ. އަތޮޅު ކައުންސިލްގެ ރައީސާ ކަމަށް ގަމަރިއްޔާ ޢަލީ (ގަމަރު) އިންތިހާބުވެއްޖެ ނަމަ އޭނާ ވެގެން ދާނީ މި ފަހުގެ ތާރީޚުގައި އަތޮޅެއް ހިންގުމާ ހަވާލުވާ ފުރަތަމަ އަންހެން ވެރިޔާއަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް އިންތިހާބު ކުރަން ފެށި ފަހުން މަގާމު ލިބޭ އަތޮޅު ކައުންސިލްގެ ފުރަތަމަ ރައީސާ އެވެ.

އޭނާއަކީ ލޯކަލް ކައުންސިލްތަކުގެ ތާރީޚުގައި އަތޮޅެއްގެ ރައީސާ ކަމަށް ކުރިމަތިލި ފުރަތަމަ ބޭފުޅާއެވެ. މީގެ ކުރިން ރަށު ކައުންސިލަތަކުގެ ރައީސާގެ މަގާމުގައި އަދި ކައުންސިިލް މެމްބަރުންގެ ގޮތުގައި ވެސް އަންހެނުން ތިއްބެވެ. އެކަމަކު އަތޮޅު ރައީސާގެ މަގާމުގައި ކަނބަލުން ތިބިތަން ފެނިފައި ނެތެވެ.

ލާމަރުކަޒީ ނިޒާމް ހިނގޭނީ ސަރުކާރާ އެއްބާރުލުން ދީގެން ރައްޔިތުންނާ ރައްޓެހި ބަޔަކަށް ކަމަށް ބުނެ، އޭނާ މި ފަހަރު ވާދަކުރަނީވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައެވެ. އޭނާގެ ކެންޑީޑޭޓް ނަމްބަރަކީ ދެއެކެވެ.

އަންހެނުންނަށް ވާނޭކަން އަންގައިދީ، އަންހެނުންނަށް ފުރުސަތު ފަހިކޮށްދީ ފުރުސަތު އޮތްކަން ސާބިތުކޮށްދިނުމަކީ ގަަމަރިއްޔާ މި ދާއިރާއަށް ވާދަކުރައްވާ އެންމެ ބޮޑު އެއް މަގުސަދެވެ. "ރަށްވެހި ފަތިސް" ވަޢުދުތަކާއެކު ތަރައްގީއާއި ތަހުޒީބުގެ ރޮނގުން މުޅި އަތޮޅު ކުރިއެރުވޭނޭ ކަމުގެ ޔަގީންކަމާއެކުއެވެ.

ތ. އަތޮޅުގެ ވެރިރަށް ވޭމަންޑޫއަށް އުފަން ގަމަރިއްޔާ ސިޔާސީ މައިދާނަށް މި ނުކުތީ މުޅިން އަލަށެވެ. މީގެ ކުރިން އޭނާގެ މަސައްކަތަކަށް ވެފައި އޮތީ އިލްމު އުނގަންނައިދުމެވެ. އޭނާއަކީ އެތައް ކުދި ބައެއްގެ މުދައްރިސާއެކެވެ. އޭނާ ވަނީ އިލްމު އުންގަންނައިދިނުމުގެ ރޮނގުން ޑިގްރީއެއް ނަންގަވާފައެވެ.

މަސައްކަތުގެ މާހައުލުގައި އޭނާއަކީ ވަރަސް ކެރޭ، ހީވާގި، އެންމެނާ ވެސް ގުޅުން ބަދަހި، އިސްވެ އުޅުމުގައި ނަމޫނާއެކެވެ. އޭނާ އަކީ ދޫހެލޭ ވާހަކަދެއްކުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކަނބަލެކެވެ. އަތޮޅު ވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކެއްހެން އެބަ ހުޢްޓެވެ.

އަތޮޅުގެ ގިނަ ބައެއްގެ ވާހަކަތަކުން ގިނަ ބައެއްގެ ތާއީދު އޭނާއަށް އޮތް ކަން އެނގެއެވެ. އޭނާގެ ކެމްޕެއިން ޓީމުން ވެސް އެކަން ކުރެއެވެ. ހާއްސަކޮށް އަންހެނަކަށް ވީތީ އަދި އެހާ ކެރިގެން ނުކުތީތީ އަތޮޅުގެ ޝަރަފާއި ފަޚުރަށް ޓަކައި ވެސް ގަމަރު ހޮވަން އެ މީހުން ތިބީ ކެތްމަދުވެފައެވެ. މުޅި އަތޮޅު އޭނާއަށް ޓަކައި ފަޚުރުވެރިވެއެވެ. ގަމަރާއެކު ކެމްޕެއިން ކުރުމުގައި ވެސް އޭނާގެ ފަހަތުގައި އޮތީ އަންހެނުންގެ ލަޝްކަރެކެވެ.

މިއީ އަންހެނުން ބާރުވެރިވެފައިވާ މިންވަރު ދޭހަކޮށްދޭ އަދި ކަނބަލުންނަކީ ވެސް ފިސާރި ކެރޭ ބައެއްކަން ރަމުޒުކޮށްދޭ ލާމަސީލު މިސާލެކެވެ.

އަންނަ ހޮނިހިރު ދުވަހު ތ. އަތޮޅުގެ އެންމެން ނުކުމެ ގަމަރަށް ވޯޓު ދިނުމަކީ އޭނާގެ ފަހުގެ އެދުމެވެ. އޭނާ އެދެނީ ހަމައެކަނި އޭނާ ހޮވާކަށެއް ނޫނެވެ.

ހޮނިހިރު ދުވަހު ތ. އަތޮޅަށް މާ ރީތި ރަށްވެހި ފަތިހަކަށް އަލިވެލުމެވެ. އުންމީދުން ފުރިގެންވާ ފަތިހަކަށެވެ. އަތޮޅަށް ދިރުމާޢި ތަރައްގީގެ ކުލަވަރު ގެނުވައިދޭނެ ފަތިހަކަށެވެ. ތިލަފަތުން ރަމްޒުކޮށްދޭ ހަމަހަމަ ކަމާއި އިންސާފު އަތޮޅުގައި ގާއިމުކުރެވޭނޭ ފަތިހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް