ޕީޕީއެމަށް ކައުންސިލް ދިނުމަކީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ކަހަލަ ކަމެއް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް (ޕީޕީއެމް/ޕީއެންސީ އަށް) ކައުންސިލުތައް ދިނުމަކީ "ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެއް" ކަމަށް އެމްޑީޕީގެ ރައީސް، އަ...

07 Apr 2021 | 05:19

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް (ޕީޕީއެމް/ޕީއެންސީ އަށް) ކައުންސިލުތައް ދިނުމަކީ "ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެއް" ކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، އިއްޔެ އެމްޑީޕީން މާލޭގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ވާދަވެރިންނަށް މާލޭ ސިޓީ ކައުންސިލުގެ ކަންކަން ހިންގަން ލިބުމުން އެތަން ރޫޅާލާފައިވާ ކަމަށާއި އަދި އެތަނުގެ ގޮނޑި މޭޒު ތަންތަނަށް އުކާލުމަށްފަހު ކައުންސިލަރުންނަށް ވެސް އެތަނަށް ނުވަދެވޭ ގޮތް ހަދައި ކަފުންކުރި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް އޮތް ބަޔަކަށް ކައުންސިލްތައް ދިނުމަކީ "ޑްރެކިއުލާއެއް ބްލަޑް ބެންކު ހަވާލުކުރުން ފަދަ ކަމެއް" ކަމަށާއި އެކަން ނަމަނަމަ ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ލާމަރުކަޒީ ނިޒާމާއި އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް ހަވާލުވުމަކީ އަޅުގަނޑަށް ދެންނެވޭނީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެކޭ. އެކަން ނަމަ ނަމަ ނުކުރައްޗޭ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ދެން އިންތިހާބު ކުރެވޭ ސިޓީ ކައުންސިލު ވެގެންދާނީ މާލޭ ހިންގާ ސިޓީ ކައުންސިލަކަށް ކަމަށާއި މިއީ މާލޭ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

"މި ނިޒާމު މިހާރު ފައްކާކުރެވިފައި މިއޮތީ މާލޭ ރައްޔިތުންގެ ބޭނުންތައް މި ނިޒާމުގެ ތެރެއިން ފުއްދޭނެ ހަމަތަކެއް ހޯދަމުން. އެކަން ފުރިހަމަ ކުރުމަށްޓަކާ މާލެއަށް އެމްޑީޕީގެ ސިޓީ ކައުންސިލެއް ލިބުމަކީ ބޭނުންތެރި ކަމެއްކަން ޔަގީނުންވެސް އެއްބަސްވާނެ ބަޔަކީ މާލޭ ރައްޔިތުން" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް