ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ވާދަކުރި މެޗު ރެއާލް އިން ކާމިޔާބުކޮށްފި އެވެ.
ރެއާލް ގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވަނީ 1-3 ގެ ބޮޑު ތަފާތަކުންނެވެ.
ރޭގެ މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު އިރު އެ ޓީމުން މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓްގައި ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ އެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު އޭގެ ނުވަ މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރ މާކޯ އަސެންސިއޯ އެވެ.
ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ރެއާލް އިން ނިންމާލިއިރު، ފަހުހާފަށް ކުޅެން ނިކުމެ ލިވަޕޫލް އިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ލަނޑެއްވެސް ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެގޮތުން 51 ވަނަ މިނެޓުގައި ލިވަޕޫލަށް މި ލަނޑު ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަލާހުއެވެ.
އެކަމަކު އެ ލަނޑާއެކު ލިބުނު ހިތްވަރުން ކުރި އިތުރު މަސައްކަތްތަކުން ނަތީޖާ އެއް ނުނުރެވި އުޅެނިކޮށް އަނެއްކާވެސް ފެނުނީ ރެއާލް އިން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 1-3 އަށް ބަދަލުކުރި ތަނެވެ. މެޗުގެ 65 ވަނަ މިނެޓްގައި މި ލަނޑު ރެއާލް އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިން ވިނިޝިއަސް ޖޫނިއާ އެވެ.
ރޭގެ މި މޮޅާއި އެކު އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރޭ އެންފީލްޑްގައި މި ދެ ޓީމު އަލުން ވާދަކުރަން ނުކުންނައިރު އެޑްވާންޓޭޖް އޮތީ ރެއާލް އަށެވެ. އެކަމަކު 2019 ވަނަ އަހަރު މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސެލޯނާ އަތުން 0-3 އިން ބަލިވެފައި އޮއްވައި އެންފީލްޑްގައި ކުޅުނު މެޗުގައި ހަތަރު ގޯލް ޖަހައިގެން މޮޅުވެ ލިވަޕޫލް ފައިނަލުން ޖާގަ ހޯދައިފައި އޮތުމަކީ އެ ޓީމަށް ދެވަނަ ލެގު ކާމިޔާބުކޮށް ސެމީ އަށް ދާން ލިބޭނެ އިތުބާރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް