ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުން އަޅަމުން އަންނަ ބައެއް ފިޔަވަޅުތައް ކަމުގައިވާ ގައިދުރު ކުރުމާއި ކާފިއު ހިންގުމާއި ލޮކް-ޑައުން ފަދަ ފިޔަވަޅުތައް ނާޅާނަމަ ކޯވިޑް-19 ޖެހިފައިވާ އެންމެ މީހެއްގެ ގައިން އެންމެ 30 ދުވަހުގެ ތެރޭގައި 406 މީހަކަށް މި ބަލި ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާއަކީ އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސޯޗް (އައިސީއެމްއާރު) އިން ކޮށްފައިވާ ދިރާސާއެކެވެ.
މި ދިރާސާއާ ހަވާލާދީ ވާހަކަ ދައްކަމުން އިންޑިއާގެ ޔޫނިއަން ހެލްތު މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ލާވް އަގަރްވާލް ބުނެފައިވަނީ އެހެންނަމަވެސް އިންޑިއާގައި މިހާރު އަޅަމުން އަންނަ ފިޔަވަޅުތަކުގެ ސަބަބުން، އެ އަދަދު ކަމުގައިވާ "406" އެންމެ ދެ އަކަށް ތިރިކޮށްލެވޭނެ ކަމުގައި އެ ދިރާސާއިން ދައްކާ ކަމަށެވެ.
އިންޑިއާގައި 21 ދުވަހުގެ ލޮކްޑައުންއެއް އިއުލާނުކޮށްފައިވާއިރު އިޖްތިމާއީ ގައިދުރުކަމާއި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ނާޅާނަމަ މި ވައިރަހުގެ ކިބައިން ގައުމު ސަލާމަތް ކުރުމަކީ ނާދިރު ކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.
އިންޑިއާގައި 4421 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު މި ވައިރަހުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 114 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް