ރ. އަތޮޅުގައި ހިންގާ ޖޯލި މޯލްޑިވްސްއިން ދިޔަ ފަހުން ކޯވިޑް-19 އަށް ޕޮސިޓިވްވިކަން އެންގީ އެ ރިސޯޓުގައި މަސައްކަތެއް ކުރަން އައި ބިދޭސީއެއް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ އެ ރިސޯޓަށް މަސައްކަތް ކުރަން ގެނެސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ13 ވަނަ ދުވަހު ކަމަށެވެ. އަދި ރާއްޖެއިން ފުރައިގެން ގޮސްފައިވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު ކަމަށެވެ.
އެމީހާ ބައްޔަށް ޕޮސިޓިވްވިކަން އެންގީ މިމަހުގެ ހަވަނަ ދުވަހު އެވެ.
އެމީހާ މަސައްކަތް ކޮށްފައިވަނީ އެ ރިސޯޓާއި އެ ކުންފުނިން އެ އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓެއް ކަމަށްވާ ބޮޑުފުށީގައި އެވެ. އެހެންވެ އެޗްޕީއޭއިން ވަނީ އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ.
މަބްރޫކް ވިދާޅުވީ އެހާ ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމުން ބަލި އެރީ ރާއްޖެއިން ނޫން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެކަމަކު ރާއްޖެއިންވެސް މި ބަލި ފެނިފައިވާތީ ރާއްޖެއިން ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެޗްޕީއޭގެ ޓީމެއް މިހާރު އެ ރިސޯޓަށް ގޮސްފައިވާއިރު ގުޅުންހުރި ހުރިހާ އެންމެން އެ ދެ ރަށުން ދެނެގަންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން ފުރައިގެން ގޮސްފައިވާ މީހުންވެސް ދެނެގަންނާނެ ކަމަށެވެ.
އެމީހާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މަބްރޫކް ވިދާޅުވީ ރާއްޖެއިން އެމީހަށް ފުރިފައިވަނީ ބަލީގެ އަލާމާތެއް ނެތުމުން ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ބައްޔަށް13 މީހަކު ޕޮސިޓިވްވެފައިވާއިރު13 މީހަކު ވަނީ ރަނގަޅުވެފައި އެވެ. ފަރުވާ ދެމުން ދަނީ ހަތަރު ދިވެހިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް