ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަން ނިންމައިފިއެވެ .
ބީއެމްއެލްއިން ބުނެފައިވަނީ ސަރުކާރުން ގާއިމްކޮށްފައިވާ މި ސްކީމް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި، ކޯޕްރޭޓްތަކުގެ އިތުރުން ވިޔަފާރިތަކަށް ލިބިގެންދާނެއެވެ. މިގޮތުން މި ފަރާތްތަކަށް ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ވާރކިންގ ކެޕިޓަލް ގެ ގޮތުގައި ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށެވެ.
"މި ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށެވެ. މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ. މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ." ބޭންކުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މަތީގައި ދެންނެވިފައިވާ ކެޓަރީގައި ނުހިމެނޭ ވިޔަފާރިތަކަށް ކޮވިޑް-19 ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެހެނިހެން މާލީ އިދާރާތަކުން ލިބޭނެ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ލިބޭނެ ކަމަށެވެ.
މި ސްކީމް އާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް https://www.bankofmaldives.com.mv/covid-19-recovery-scheme އިން ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް