ކޯވިޑް-19: އިގްތިސާދީ ޕެކޭޖުގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު މާދަމާ ހުޅުވާލަނީ

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން އިއުލާނުކޮށްފައިވާ ސްޓިމުލަސް ޕެކޭޖްގެ ދަށުން ވޯކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ފަރުދުންގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކ...

07 Apr 2020 | 14:04

ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން އިއުލާނުކޮށްފައިވާ ސްޓިމުލަސް ޕެކޭޖްގެ ދަށުން ވޯކިން ކެޕިޓަލް ލޯނު އަދި އަމިއްލަ މަސައްކަތްކުރާ ފަރުދުންގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެކަން ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާގޮތުގައި މި ލޯނުތައް ދެވޭނީ 6% އިންޓަރެސްތެއްގައި 6 މަސްދުވަހުގެ ގްރޭސް ޕިރިއަޑަކާއެކުގައެވެ. މި މުއްދަތުގައި އިންޓަރެސްޓް އަދި ޕްރިންސިޕަލްވެސް އަނބުރާ ދައްކާކަށް ނުޖެހޭނެ ކަމަށާއި އަދި ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމުގައިވެސް ބުނެފައިވެއެވެ.

"މި ލޯނުތަކަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން 08 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުވާލާނެއެވެ" ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ބުނެފައިވާގޮތުގައި ޓޫރިސްޓް ރިސޯޓްތަކަށް ވޯކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ. މި ސްކީމްގެ ދަށުން ގިނަވެގެން ދޫކުރެވޭނީ ރިސޯޓަކަށް 7.71 މިލިޔަން ރުފިޔާއެވެ.

ރިސޯޓުތަކަށް ލޯނު ދޫކުރުމުގައި ދިވެހި އޯނާޝިޕިގެ ނިސްބަތަށާއި ރިސޯޓުގައި ދިވެހި މުވައްޒަފުން ވަޒީފާފައި ގެންގުޅޭ ނިސްބަތް 45 އިންސައްތަ ނުވަތަ އެއަށްވުރެ މަތިތޯ ބަލައި އިސްކަންދެވޭނެއެވެ. މިކަންކަން ސަރުޚާރުން ބެލުމަށްފަހު ބޭންކް އޮފް މޯލޑިވްސް އާ ހިއްސާ ކުރާނެ ކަމަށް ބުނެފައިވެއެވެ.

ރިސޯޓު ނުވަތަ ވިޔަފާރީގެ ނަން-ޕާފޯމިންގ އެސެޓްސް ނެތްތޯއާއި، 2019 ވަނަ އަހަރު ވިޔަފާރިއަށް ފައިދާވެފައިވޭތޯއާއި، ކުރިއަސް އޮތް ތިން އަހަރުގެ ކޭޝްފްލޯ ފޯކާސްޓް ޕޮޒިޓިވްކޮށް ހުރިތޯ ބަލައި އިސްކަންދެވޭނެ  ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ދިވެހިން މުވައްޒަފުން، ވަޒީފާއިން ވަކިކޮށް ނުވަތަ ނޯ ޕޭ ނަގަން މަޖުބޫރުކުރުވާފައިވާ ފަރާތްތަކަށް މި ލޯނެއް ނުލިބޭނެއެވެ. މިކަން ސަރުކާރުން ބަލަމުންގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.

"2019  ވަނަ އަހަރު އާމްދަނީގެ ގޮތުގައި 10.0 މިލިޔަން ރުފިޔާއަށްވުރެ މަދުން ލިބިފައިވާ، ޓޫރިސްޓް ރިސޯޓު ނޫން އެހެނިހެން ވިޔަފާރިތަކަށް ވާކިން ކެޕިޓަލް ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށެވެ" ފިނޭންސް މިނިސްޓްރީން މިއަދު ބުނެފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ދޭ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން މެދުވެރިކޮށް ކަމަށާއި ލޯނަށް އެދި ހުށަހެޅުމާއި މިކަމާގުޅޭ އެހެނިހެން ތަފްސީލު ބޭންކް އޮފް މޯލްޑިވްސް އަދި އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން އާންމުކުރާނެއެވެ. މި ލޯނުތައް ވިޔަފާރިތަކަށް ދޫކުރުމުގައި، ލޯނު ނަގާ ފަރާތުން އެއްވެސް ދިވެހި މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް (ވަޒީފާ އަދާކުރާ ފަރާތުން ވަޒީފާގެ އެއްބަސްވުމާ ނުވަތަ ވަޒީފާއާބެހޭ ގާނޫނާ ހިލާފުވާ ހާލަތެއްގައި މެނުވީ) ޝަރުދު ކުރެވޭނެ ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް