މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރު ބަންދުކޮށްފައި އޮތަސް މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ފައިސާ ދޫކުރާނެކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިހާރު މަތީތައުލީމާއި ތަމްރީނަށް ދޭ ސްޓޫޑަންޓް ލޯނުގަޔާއި، ސްކޮލަޝިޕާއި، ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިފައިވާ ފަރާތްތަތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ލޯނު ލިބޭނެކަމަށެވެ.
ފާއިތުވި ހަފްތާގައި އެކަނިވެސް ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގައި ބައިވެރިވެފައިވާ ދަރިވަރުންގެ ތެރެއިން 1148 ދަރިވަރަކަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށް ބުމެފައިވެ އެވެ.
ސަރުކާރު ހަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު މިހާރު އޮންނަ ގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ އެކަޑަމިކް އަހަރަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރާނީ، ދެ ބަޔަށް ބަހާލައިގެން އެދަރިވަރެއްގެ އެކަޑެމިކް އަހަރުގެ ތެރޭގައި ދެ ފަހަރެއްގެ މަތީންނެވެ. އެ ސްކީމްގެ ދަށުން ދަރިވަރުންނަށް ފައިސާ ދޫކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ލިބޭ ފައިސާގެ ތަފްސީލު ބެލޭނެ އިންތިޒާމެއް ގާއިމްކުރުމަށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފައިސާ ދިނުމުގެ މަސައްކަތް ކުރިޔަށް ގެންދަން ވަނީ ފަށައިފަ އެވެ.
އެގޮތުން މިނިސްޓްރީގެ ބަޔާނުގައި ބުނީ މި ސްކީމް މިދިޔަ އަހަރު ފެށުނު އިރު ކަރުދާސް (ހާޑް ކޮޕީ) އެޕްލިކޭޝަނެއް މިމިނިސްޓްރީއަށް ހުށަހަޅައިގެން ސްކީމްގައި ބައިވެރިވި ދަރިވަރުން އޭގެ ފަހުން އެ ޕޯޓަލްގައި ރަޖިސްޓްރީ ވެފައި ނުވާނަމަ، ލަސްނުކޮށް myedu.egov.mv މެދުވެރިކޮށް ރަޖިސްޓްރީ ވުމަށް އަންގާފައިވާނެކަމަށެވެ.
އެހެންނަމަވެސް އަދިވެސް ބައެއް ދަރިވަރުން ޕޯޓަލްގައި ރަޖިސްޓްރީ ވެފަނުވާތީ އަވަހަށް އެކަން ކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އެއީ ފައިސާ ދޫކުރުމަށް މަގުފަހިވާނީ އޭގެ ފަހުން ކަމަށްވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފައިވާ އެއްވެސް ދަރިވަރެއްގެ އެޕްލިކޭޝަން، ޕޯޓަލްއިން ބަލާއިރު ފުރިހަމަ ނޫން ކަމަށް ދައްކާ ނަމަ، ވީ އެންމެ އަވަހަށް އެ ޕޯޓަލް ގައި ދީފައިވާ އިރުޝާދުތައް ރަނގަޅަށް ބަލައި، އެކަންކަން ފުރިހަމަކޮށް އަލުން އެޕްލިކޭޝަން ލުމަށް ވެސް މިނިސްޓްރީއިން ވަނީ އިރުޝާދު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް