ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ބަންދުކުރަން ޖެހޭ ފަދަ ހާލަތެއް އަތުވެއްޖެ ނަމަ އާންމުންނަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދިނުމަށް 362 ފިހާރަ އޮތީ ތައްޔާރަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަނީ ތިން ގަޑިއިރަށް މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަމުންނެވެ. އެގަޑިގައި މިހާރުވެސް ފިހާރަތަކަށް މާލޭގައި ޑެލިވަރީގެ ހިދުމަތް ދެވެ އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، ގޭގެއަށް ތަކެތި ޑެލިވަރީ ކުރުމާއި ގުޅޭގޮތުން މާލޭގެ 334 ފިހާރަ އަކާއި ވިލިމާލޭގެ 30 ފިހާރައެއްގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ހުޅުމާލޭގެ90 ފިހާރައެއްގެ މައުލޫމާތު އެއްކުރި ކަމަށެވެ.
ސިޓި ކައުންސިލުން ބުނީ މީގެ ތެރެއިން މާލޭގެ269 ފިހާރައެއް އަދި ވިލިމާލޭގެ20 ފިހާރައަކުން ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ހުޅުމާލޭގައި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވަނީ73 ފިހާރަ އެވެ.
މީގެ ތެރެއިން މާލޭގައި ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް ބުނި ފިހާރަތަކުގެ ތެރެއިން202 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކެ އެވެ. އަދި ވިލިމާލޭގެ17 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކެ އެވެ. ހުޅުމާލޭގައި63 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކެވެ.
މާލެ އާއި ވިލިމާލޭގައި މި މައުލޫމާތު އެއްކުރީ ސިޓީ ކައުންސިލުންނެވެ. ހުޅުމާލޭގައި މައުލޫމާތު އެއްކުރީ އެޗްޑީސީންނެވެ.
ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން މާބޮޑު އެއްބާލުމެއް ނުލިބޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މިހާ ހަރުކަށިކޮށް ފިޔަވަޅު އަޅަމުން އަންނަ އިރު ވެސް ބައެއް މީހުން މި ފިޔަވަޅުތަކަށް ސީރިއަސްކަން ނުދޭތީ، މާލެ ލޮކްޑައުންކުރަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
މިހާތަނަށް ރާއްޖެއިން19 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ ހަތަރު މީހަކަށެވެ.13 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ދެން ބައްޔަށް ޕޮސިޓިވްވި ދެމީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ރާއްޖެއިން ފުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް