އެމްޑީޕީގެ ވިސްނުން، ދައުރު ހަމަވުމުން ރަށް ހިންގަން ރައީސް އައްޔަން ކުރައްވާ ބޭފުޅަކު!

ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭތީ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމަށް ސަރުކާރުން ލޯކަލް ކައުންސިލް...

07 Apr 2020 | 09:28

ކޯވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ނުބޭއްވޭތީ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމަށް ސަރުކާރުން ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު އޮތް ގޮތް އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނަކަށް ކަމަކު ނުދިޔަ އެވެ.

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ކޯވިޑް-19 ގެ ހާލަތުން އަރައިގަނެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ ހަވަނަ ދުވަހު ބާއްވާށެވެ. އަދި އެ މުއްދަތާއި ޖެހެންދެން މިހާރު ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލަންށެވެ.

މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާނެ އެވެ.

އެ އިސްލާހަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުންގެ ތެރެެއިން ބައެއް މެންބަރުން ވިދާޅުވީ ގާނޫނު އަސާސީ ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމުން މިހާރު ތިބި ކައުންސިލަތުންނަކީ އިންތިހާބީ ބަޔަކަށް ނުވާނެ ކަމަށެވެ. ކައުންސިލަރުންގެ އިންތހާބީ ދައުރު ދިގު ކުރުމަކީ ޑިމޮކްރެޓިކް ގޮތެއް ނޫން ކަމަށް އެމްޑީޕީގެ މެންބަރުން ބަހުސްގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތު މަޖިލީހުގައި އޮތުމުން ގާނޫނު އަސާސީ އިސްލާހު ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް މެންބަރުން ވިދާޅުވި އެވެ. އޭގެ ސަބަބުން އަންނަނާ ނަތީޖާ ގޯސްވެ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ކުރުމަކީ މައްސަލައަށް ހައްލެއް ނޫންކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވި އެވެ.

މިގޮތަށް ވާހަކަދެއްކެވުމަށް ފަހު ގިނަ މެންބަރުން ތާއީދު ކުރެއްވީ އިންތިހާބު ބޭއްވެންދެން ރަށްތައް ހިންގުމުގައި އިސްކޮށް ހުންނަވާނެ ބޭފުޅަކު ރައީސް ކަނޑައެޅުއްވުމަށެވެ. އެކަމަކު މި ހިޔާލާއި އެމްޑީޕީގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެކޮޅު ހެއްދެވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނުވަތަ ސީއެސްސީން ކައުންސިލްތައް ހިންގަން ވެރިޔަކު އައްޔަން ކުރުން އެއީ އެންމެ ކަމުދާ ހައްލު ނޫން ކަމަށެވެ. އޭނާއަށް ފެނެވަޑައިގަންނަވަނީ ރައީސް އާއި މަޖިލީހުން ގުޅިގެން މިހާރު ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މުވައްޒަފަކު ކައްންސިލް ހިންގަން ވަގުތީ ގޮތުން ހަވާލު ކުރަން ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އެމްޑީޕީ މެންބަރުންގެ ރާގު ބަދަލު ކުރައްވާ ރައީސް އައްޔަން ކުރައްވާ ބޭފުޅަކު އިންތިހާބު ބޭއްވެންދެން ރަށްތައް ހިންގަން ހަވާލު ކުރާގޮތަށް ބަހުސް ކުރެވެން ފަށާފައިވާއިރު އިއްޔެ ވަނީ މި ދަނޑިވަޅުގައި ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި އެވެ.

ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތުގައި އިއުލާނުކޮށްފައި އޮތުމުން ގާނޫނު އަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ. ރާއްޖޭގައި މިވަގުތު އިއުލާނުކޮށްފައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް