މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން ކޮމިއުނިކޭޝަންސް އޮތޯރިޓީ، ކޭމްއިން އަންގައިފި އެވެ.
އެ އޮތޯރިޓީން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން މޯބައިލް ސިގްނަލް ލިބޭ މިންވަރު ރަނގަޅުކުރުމަށް އަމިއްލައަށް ބޫސްޓަރާއި ރިޕީޓަރު ފަދަތަކެތި އިންސްޓޯލް ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތަށް ބާރުގަދަ ރިޕީޓަރު ފަދަ ތަކެތި ބޭނުންކުރުމުން އެ ބަހައްޓާ ތަނެއްގެ މޯބައިލް ސިގްނަލް ވަރުގަދަވި ނަމަވެސް، ރިޕީޓަރު ބަހައްޓާ މުޅި ސަރަހައްދުގެ މޯބައިލް ސިގްނަލަށް ނޭދެވޭ އަސަރު ކުރާކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ އެކަމުގެ ސަބަބުން ސަރަހައްދުގެ އެހެން ފަރާތްތަކުން މޯބައިލް ފޯނު ބޭނުންކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން މޯބައިލް ފޯނުގެ ސިގްނަލް ހޯދުމަށްޓަކައި ސިގްނަލް ބޫސްޓަރާއި ރިޕީޓަރު ފަދަ ތަކެތި އާންމު ފަރާތްތަކުން އަމިއްލައަށް އިންސްޓޯލް ނުކުރަން އެ އޮތޯރިޓީން ނެރެފައިވާ އިއުލާނުގައި ބުނެއެވެ.
މިކަމާ ގުޅޭގޮތުން މޯބައިލް ހިދުމަތްދޭ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އަދި މޯބައިލް ފޯނުގެ ސިގްނަލް ލިބުމުގައި މައްސަލަ އުޅޭނަމަ، އެކަން މޯބައިލް ހިދުމަތްދޭ ކުންފުނިތަކަށް އެންގުމުން އެ މައްސަލަ ހައްލުކޮށްދޭން އެ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަށް އިއުލާނުގައިވެ އެވެ. ސިގްނަލް ލިބުމުގެ މައްސަލަ ހައްލުނުވާނަމަ، އެ އޮތޯރިޓީއަށް ހުށަހެޅުމުން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި އެފަދަ މައްސަލަތައް އެ އޮފީހުގެ ނަމްބަރު 3030300 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން ހުށަހަޅަން އެ އޮތޯރިޓީން ނެރުނު އިއުލާނުގައި އެދިފަވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް