އަވައްޓެރި ސްރީލަންކާ އާއި އިންޑިއާގެ ކޮޗިންގައި ތާސިވެފައި ތިބި ދިވެހިން ގެންނަން މޯލްޑިވިއަންއިން ބޭއްވި ފްލައިޓުތަކުގައި ޖާގަ ދިން ގޮތާއި މެދު އާންމުންގެ ހިތްހަމަ ނުޖެހުންތައް އިތުރުވާން ފެށުމުން ޖާގަ ދިން ގޮތުގެ ތަފްސީލް ހާމަކޮށްފި އެވެ.
މި ދެ ދަތުރުގައި ޖުމްލަ288 މީހަކު ރާއްޖެ ގެނެސްފައިވެ އެވެ. އެއީ ލަންކާއިން100 މީހުންނާއި ކޮޗިން އިން188 މީހެކެވެ. ސަރުކާރުން ބުނީ ޖަގަތައް ދިނުމުގައި މިވަގުތު އެ ގައުމުތަކަށް ވަގުތީގޮތުން ގޮސް ހާލުގައި ތިބި މީހުންނަށް އިސްކަން ދީފައިވާނެ ކަމަށެވެ.
އެކަމަކު ޖާގަ ދިނުމުގައި ވަކި ބަޔަކަށް ތަފާތު ކުރުންތައް ގެންގުޅެ، ސަރުކާރުން ބޭނުންވާ ބަޔަކު ގެންނަން ފުރުސަތު ދިން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައި އެވެ. އެކަން ސަރުކާރުން ދޮގު ކުރެ އެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލަންކާއިން މީހުން ގެނައި ފްލައިޓުން ޖާގަ ދިނީ އެ ގައުމުގައި ތާށިވެފައި ތިބި ޓީސީ ސްޕޯޓްސް ކްލަބްގެ30 ކުޅުންތެރިންނަށާއި އާސަންދައިގެ ހަރަދުގައި ބޭސްފަރުވާއަށް ގޮސް ތިބި20 މީހަކަށް ކަމަށެވެ. އަނެއް50 ޖާގަ ދިނީ އަންނަން ބޭޭނުންވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ މައުލޫމާތުތައް މޯލްޑިވިއަންއަށް ފޮނުވި 50 ފަރާތަށް ކަމަށެވެ.
ކޮޗިން ދަތުރާއި ގުޅޭގޮތުން ވިދާޅުވީ އެ ދަތުރުގައި ރާއްޖެ ގެނައި117 މީހުންނަކީ އިންޑިއާގެ ވައިގެ ދަތުރުތައް ހުއްޓާލަން ނިންމި ދުވަހު މޯލްޑިވިއަންއިން ބާއްވަން ހަމަޖެއްސި ފްލައިޓަށް ޓީކެޓު ނަގާފައިވާ މީހުން ކަމަށެވެ. އެ ފްލައިޓު ފަހު ވަގުތު މޯލްޑިވިއަން އިން ކެންސަލް ކުރީ އެވެ. ބާކީ71 މީހުންނަކީ އަމިއްލަ ހަރަދުގައި ކޮޗިންއަށް ބޭސް ފަރުވާއަށް ގޮސްތިބި މީހުން ކަމަށެވެ.
އާންމުންގެ ޝަކުވާތަކާއި ގުޅިގެން މިހާރު ނިންމާފައިވަނީ ރާއްޖެއިން ބޭރުން ދިވެހިން ގެނައުމަށް ކުރާ ދަތުރުތަކަށް މޯލްޑިވިއަންއިން އޮންލައިންކޮށް ޓިކެޓު ވިއްކާށެވެ. އެގޮތުން މާދަމާ މެލޭޝިޔާއަށް އެ އެއާލައިނުން ކުރާ ޗާޓާޑް ދަތުރުގައި ޖާދަ ދީފައިވަނީ އޮންލައިންކޮށް ޓިކެޓު ވިއްކައިގެންނެވެ.
މޯލްޑިވިއަންއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގައި ތިބި ދިވެހިން ގެންނަން ސަރުކާރުން އެދޭ ކޮންމެ ގައުމަކުން ދިވެހިން ގެނެސްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް