ކޯވިޑް-19 އާއި ގުޅިގެން ބަންދުކޮށްފައިވާ މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ތަކެތި ފޮނުވުމުގެ ފުރުސަތު ފޮރިން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިފަހަރު އެ ފުރުސަތުދޭން ނިންމާފައި ވަނީ ފުރަތަމަ ފޯމް ހުށަހަޅާ500 ފަރާތަށެވެ. ކޮންމެ ފަރާތަކަށް15 ކިލޯ ގްރާމްގެ ތަކެތި ހިލޭ ފޮނުވައިދޭނެ އެވެ.
ތަކެތި ފޮނުވައި ދެވެނީ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ފޯމެއް ފުރިހަމަ ކުރުމުންނެވެ. އެ ފޯމު ފުރިހަމަ ކުރުމަށް ފަހު އޮންލައިންކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. އެ ފޯމް އެޕްރޫވް ވިކަމުގެ ލިޔުން މިނިސްޓްރީން ފޮނުވާނީ ފޯމް ހުށަހެޅި ފަރާތުގެ އީމެއިލްއަށެވެ.
މެލޭޝިޔާއަށް ފޮނުވާ ތަކެތި ހަވާލު ކުރަން ދާންޖެހެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލްގެ ކައުންޓަރުތަކަށެވެ. ތަކެތި ބަލައިގެންނަނީ ހެނދުނު8:00 ހަވީރު4:00 އަށެވެ.
ކާގޯގެ ގޮތުގައި ފޮނުވައިދޭނެ ތަކެތި:
ނޫޑްލްސް
ރިހާކުރު (މިފްކޯ/ އެންޒީ ފަދަ އޮރިޖިނަލް ޕެކްގައި ހުންނަ ރިހާކުރު)
ބޭސް (ބޭސް ފޮނުވާނަމަ ޑޮކްޓަރުގެ ލިޔުން ފޯމާއި އެކު ހުށަހަޅަންޖެހޭ)
މަސް ޕެކެޓު/ ފަތް ޕެކެޓު/ ފިހާރަތަކުގައި ވިއްކާ ސާމާނުގެ ތެރެއިން ޕެކެޓުކޮށްފައި ހުންނަ ސާމާނު
ކާގޯގެ ގޮތުގައި ނުފޮނުވޭނެ ތަކެތި:
ފައިސާ
ރޯމަސް
ކޭކު، ހެދިކާ
މޭވާ، ތަރުކާރީ
ދުންފަތުގެ ބާވަތްތައް
ކާޑުގެ ބާވަތްތައް
ފޮރިން މިނިސްޓްރީން ބުނީ ފޯމު އެޕްރޫވްކޮށްފައި ފޮނުވާ ލިޔުމުގެ ކޮޕީއަކާއި އެކު ތަކެތި ފޮށިގަނޑަކަށް އަޅައިގެން ބަންދު ނުކޮށް (ބަންދު ކުރަން ބޭނުންވާ ސާމާނާއި އެކު) ހިފައިން ދިޔުމުން ތަކެތި ބަންދު ކުރާނީ ގެންދާ ފަރާތުގެ ހާޒިރުގައި ކަސްޓަމްސް އާއި އޭވިއޭޝަން ސެކިއުރިޓީން ބެލުމަށް ފަހު ކަމަށެވެ.
އެ ތަކެތި މެލޭޝިޔާއަށް ގެންގޮސް އާއިލާތަކާއި ހަވާލު ކުރެވޭނީ އެގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ބެލުމުގެ ދަށުންނެވެ.
އެ ފޯމުގައި ފޮނުވާ ފަރާތާއި ލަންކާގައި އެތަކެތި ލިބެންވީ ފަރާތުގެ މައުލޫމާތު ރަނގަޅަށް ފުރިހަމަ ކުރުމަށް އެ މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް