ބުރުސޫރަ – އެގާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ކާކު؟" ގޭތެރެއިން ނިކުމެގެން އައި ޝަމީމާ ގޮވައިލިއެވެ. ރާނީ ހާސްވެފައި ފަހަތް ބަލައިލިއިރު ދުފާ ރަތްކޮށްގެން ޝަމީމާ އެބަ އާދެއެވެ. "ކީއްކުރާ ކުއްޖެއް؟"ރާނީއާ އަރާ ހަމަކޮށްފައި...

07 Apr 2019 | 09:50

ކުރީގެ އަދަދާއި ގުޅޭ...

"ކާކު؟" ގޭތެރެއިން ނިކުމެގެން އައި ޝަމީމާ ގޮވައިލިއެވެ. ރާނީ ހާސްވެފައި ފަހަތް ބަލައިލިއިރު ދުފާ ރަތްކޮށްގެން ޝަމީމާ އެބަ އާދެއެވެ.

"ކީއްކުރާ ކުއްޖެއް؟"ރާނީއާ އަރާ ހަމަކޮށްފައި ޝަމީމާ އަހައިލިއެެވެ.

"އަހަންނަށް ކިޔަނީ ޒައިނާ... ތީ ރާނީގެ މަންމަތަ؟" ޝަމީމާގެ މޫނަށް ބަލައިލުމަށްފަހު ޒައިނާ އަހައިލިއެވެ. އެވަގުތު އޭނާގެ މޫނު ބަނަވެގެން ދިޔައެވެ.

"ޗީ... ކީއްކުރަން މިގެއަށް އައީ؟" އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ޝަމީމާ ބުނެލިއެވެ. އަދި ގަސްތަކާ ދިމާލަށް ރަތް ކުޅުގަނޑެއް ޖެހިއެވެ. އެމަންޒަރު ފެނިފައި ޒައިނާގެ މޭ ނުބައިކޮށްލިއެވެ.

"ރާނީ މާލެ ގެންދަން" ޒައިނާ ބުނެލިއެވެ. ޝަމީމާ ހައިރާންވެފައި ބަލައިލިއެވެ. އަދި ކީއްކުރަންތޯ އަހައިލިއެވެ.

"އަހަރެން މީ ޒިއަންގެ ދައްތަ... ރާނީ ބަލާ މިއައީ ކައިވެނި ކުރަންވެގެން" ރާނީގެ އަތުގައި ހިފައިލަމުން ޒައިނާ ބުނެލިއެވެ. ވަގުތުން ޝަމީމާ ދެމީހުންގެ އަތް ފޮޅުވައިލިއެވެ.

"ހޯ ހޯ މިގެޔަކުން ރާނީ އެއް ނުގެންދެވޭނެ... ކައިވެންޏޯ.... ނިކުމޭ މިގެއިން" ގެއިން ބޭރަށް އިނގިލި ދިއްކުރަމުން ޝަމީމާ ބުނެލިއެވެ. ރާނީ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ޒައިނާ ކުރިމަތީގައި ޝަމީމާ އުޅޭގޮތުން އޭނާ ހުރީ ލަދުންނެވެ.

"އަހަރެން ރާނީ ނުލާ މިގެއިން ނުނިކުންނާނަން" ޒައިނާވެސް ގޮތުގައި ހިފަހައްޓައިލިއެވެ.

"ޝަމިއްތައަކަށް ނުނެރެވޭނެ މީ އަހަރެންގެ ވެސް ގެއެއް" ވަރަށް ހިތްވަރުކޮށްފައި ރާނީ ބުނެލިއެވެ. ރާނީ މިހެން ބުނުމުން ދެލޯ ބޮޑުކޮށްލާފައި ޝަމީމާ އޭނާއަށް ބަލައިލިއެވެ.

"ކަލޭގެ ގެ... އެކަމަކު މަ ދިނީމަ ކައިގެން މަ ދިނީމަ ލައިގެން... އެހެންވީމަ މަށަށް މިގެއަށް ވައްދާނެ މީހުންނާ ނުވައްދާނެ މީހުން އިނގޭނެ... ވަދޭ އެތެރެއަށް" ޝަމީމާ ހަޅޭތްލަވައިގަތެވެ. ރާނީ ދެން ބަލައިލީ ޒައިނާގެ މޫނަށެވެ. ޒައިނާ ބޯ ޖަހައިލިއެވެ. ރާނީ ދެމީހުންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު ގޭތެރެއަށް ވަދެގެން ދިޔައެވެ.

"އަހަރެން މިރަށުން ދާނީ ރާނީ ގޮވައިގެން... ރާނީ އަކީ ބޮޑުވެފައިވާ އަންހެނެއް އެއްވެސް މީހަކަށް ބާރެއް ނުފޯރުވޭނެ... ކަލެޔަކަށްވެސް" ޝަމީމާއާ ދިމާލަށް ލޯ އަޅައިލުމަށްފަހު ޒައިނާ އެގެއިން ނިކުމެގެން ދިޔައީއެވެ. އަދި މެންދުރު ފުރަން ތައްޔާރުވުމަށް ރާނީއަށް މެސެޖެއް ކޮށްލިއެވެ.

މިއަދު އޮތް އިމްތިހާނު ނިންމާލާފައި ޒިއަން އާއި އެކުވެރިން ކޮލެޖުން ނިކުތީ ރާނީ މާލެ ގެނެސް ބަހައްޓާނެ ތަނެއް ހޯދާށެވެ.

"ރޫމް އެއް ނަގަމާ" މާޒިން ބުނެލިއެވެ.

"ކީއްކުރަން ނަގާ ރޫމްއެއް؟" ފަހަތުން އައި މަންހާ އަހައިލިއެވެ. އެ އަޑަށް ތިން މީހުންވެސް ބަލައިލިއެވެ.

"ޒިއަން ބިޓެއް ކައިރިޔަށް ދާން" މަންހާގެ މޫނަށް ބަލައިލަމުން މާޒިން ބުނެލިއެވެ. މަންހާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އަދި އައިގޮތަށް އައިސް ޒިއަންގެ އަތުގައި ހިފައިލިއެވެ.

"ނުހިފައްޗޭ ދެން" މަންހާގެ އަތް ފޮޅުވައިލަމުން ޒިއަން ބުނެލިއެވެ. އެވަގުތު ޒޭބާ އާއި އެކުލާހު އިތުރު ދެކުދިން އެމީހުންނާ އަރާ ހަމަވަނީއެވެ. އެމަންޒަރު ފެނުމުން އެމީހުން ބާރު ބާރަށް ހޭން ފެށިއެވެ. މާޒިން ކައިރިޔަށްވެސް ހިނިއައެވެ.

"ޒިއަން ކިތަންމެ ވަރެއް ކުރިޔަސް އިންނާނީ އަހަންނާ ބަލައްޗޭ" ޒިއަންގެ ލޮލަށް ބަލަންހުރެ މަންހާ ބުނެލިއެވެ. އަދި އެތަނުން ދާން ހިނގައިގަތެވެ.

މަންޒަރު ބަލަން ކައިރީގައި ހުރި އީމާން ހުރީ ތުރުތުރު އަޅައިގަނެފައެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭނާއަށްވެސް ހުރެވުނީ މަންހާ ދިޔަ ދިމާލަށް ބަލަހައްޓައިގެންނެވެ. ޒިއަން ހުރިއްޔާ އޭނާ ފެންނަ ކަމަށްވެސް މަންހާ ނުހަދާނެއެވެ.

"އޭ ކައެ ކީއްވެ ގަބުވެފަ ތިހުރީ؟" މަންހާ ލޮލުކޮޅަށް ގެއްލުމުން މާޒިން އަހައިލިއެވެ. އީމާން ދިޔައީ ސިއްސައިގެންވެ. އީމާން ބޯ ހޫރައިލުމަށްފަހު ހިނގައިގެތެވެ.

ގަޑިން މެންދުރު އެކެއް ޖަހައިފިއެވެ. ޒައިނާ ހުރީ ޒިއަންމެން ފުނަދޫއަށް ގޮސް ތިބި ގޭ ދޮރުމަތީގައެވެ. ކައިރީގައި ހުރީ ޝިފާންއެވެ. ޒައިނާ އެރަށަށް ޒިއަން ފޮނުވީ ޝަިފާންއަށް ގުޅާފައެވެ. ޒައިނާ އިންތިޒާރު ކުރަމުން އައީ ރާނީ އަންނާނެ އިރަކަށެވެ.

"އަސްލުވެސް ހަމަ ރާނީ ބަލާތަ ތިއައީ؟" ޝިފާން ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ. ޒައިނާ ހީލުމަށްފަހު ބޯ ޖަހައިލިއެވެ.

"ރަގަޅު ކުއްޖެއްތަ އެއީ؟" ޒައިނާ އަހައިލިއެވެ.

"ރަގަޅު ވާނެ... އެކަމަކު މިރަށު އެންމެންވެސް ކިޔަނީ ޖިންނި ކުއްޖެކޭ... އޭނަގެ އަޑު ވަރަށް ތީރި ވާނެ... މިރަށުގަ އެއްވެސް ފިރިހެން ކުއްޖެއް އޭނައާ ހެދިގެންނެއް ނޫޅޭނެ... މޫނު ފޮރުވައިގެން ހުއްޓަސް އޭނަ ޖަހާ ސިފަ އެންމެންނަށް އިނގޭނެ" ޝިފާން ކިޔައިދިނެވެ.

"ސިފަޔަކީ ހުރިހާ އެއްޗެއް ނޫނެއްނު... އެހެން ނޫނަސް އަހަންނަށް ރާނީ ވަރަށް ލޯބި" ޒައިނާ ބުނެލިއެވެ. ޝިފާން ހީލިއެވެ.

"ރަށަށް އަންނަ ބީރައްޓެހިން ވަރަށް އުޅޭނެ އެކަމަކު ހަގީގަތް އިނގުނީމަ އެންމެންވެސް ބިރުން ނޫޅޭނެ... އޭނަގެ މޫނުގެ ފެންނަ ފަޅިން ކިހާ ރީތި... ޒިއަން އަކީ ފުރަތަމަ މީހާ ކަންނޭންގެ އެކަން އެކްސެޕްޓް ކުރީ" ފޯނާ ކުޅެލަމުން ޝިފާން ބުނެލިއެވެ. އެއީ ހަގީގީ ލޯބި ކަމަށް ޒައިނާ ބުނެލިއެވެ. އަދި ޒިއަން ދުވަހަކުވެސް މީހަކަށް ދެރައެއް ނުދޭނެކަމަށްވެސް ޒައިނާ ބުނެލިއެވެ.

ފުރަން ފަނަރަ މިނެޓަށް ވެއްޖެއެވެ. ރާނީގެ ހަބަރެއް ނުވިއެވެ. އެހެންކަމުން ޒައިނާ ނިންމީ އެގެއަށް ގޮސް ރާނީގެ ހަބަރެއް ބަލައިލާށެވެ. ޒައިނާ އެގޭ ދޮރުމައްޗަށް އެރި އިރު އެއްވެސް މީހަކު ފެންނާކަށްނެތެވެ. ޒައިނާ މަޑުމަޑުން އެތެރެއަށް ވަންނަމުން ދިޔައެވެ.

"ނުކެރޭނެ އޭނަ އަކަށް ދާކަށް... މާލެއަށޯ... މިގޭގަ މަ އެކަނިތަ ހުރިހާ މަސައްކަތެއް ކުރަންވީ ދެން... ދިޔައްޔާ ފުލުހަށްވެސް ދާނަން" ޝަމީމާ ވާހަކަ ދައްކާ އަޑު އިވުނެވެ. ޒައިނާ ބަލައިލިއިރު ޝަމީމާ އިނީ ކާމޭޒު ދޮށުގައި ފޯނެއްގައެވެ. ޝަމީމާ އަށް ނުފެންނާނެހެން ޒައިނާ އެގޭތެރެއަށް ވަނެވެ. ރާނީ ފެނޭތޯ ފަހަރަކު ދޮރެއް ހުޅުވަމުން ދިޔައެވެ. އެންމެ އެތެރޭގައި ހުރި ގިފިލީގެ ދޮރުގައި މީހަކު ތަޅާހެން ހީވުމުން ޒައިނާ އެދޮރު ކައިރިޔަށް ޖެހެލިއެވެ. އެދޮރު ހުރީ ބޭރުން ތަންޑު އަޅާފައެވެ. ޒައިނާ ދޮރު ހުޅުވިއިރު ރާނީ ހުރީ ދާހިއްލާ ފޯވެފައެވެ. ރާނީ ރޮއެގަތުމަށްފަހު ޒައިނާގެ ގައިގައި ބައްދައިލިއެވެ.

"ހުއްޓާލާފަ ހިނގާ އިހަށް މިގެއިން ނިކުންނަން... ފުރާ ގަޑި ޖެހެނީ" ރާނީގެ އަތުގައި ހިފަމުން ޒައިނާ ބުނެލިއެވެ. އަދި މަޑުމަޑުން ދާން ހިނގައިގެތެވެ.

"އޭތް މަޑުކުރޭ" ރާނީއާއި ޒައިނާ އެގެއިން ނިކުމެ ނިކުމެ ހުއްޓައި ޝަމީމާ ހަޅޭތްލަވައިގަތެވެ. ދެމީހުން ފަހަތް ބަލައިލުމަށްފަހު ދުއްވައިގަތެވެ. ޝަމީމާވެސް ފަހަތުން އެއްޗެހި ގޮވަމުން އާދެއެވެ. އެމަންޒަރު ބަލަން ގޭގޭގައި ތިބި މީހުންވެސް މަގު މައްޗަށް ނިކުންނަމުން ދިޔައެވެ. ޝަމީމާ ހަޅޭތްލަވަނީ ކީއްވެގެންތޯ ވެސް ބައެއް މީހުން އަހަމުން ދިޔައެވެ. ޒައިނާ އާއި ރާނީ ދުވަމުން ދުވަމުން އައިސް މަޑުވެސްކޮށްނުލައި ލޯންޗަށް ފުންމައިލިއެވެ. ހަމަ އެއާއި އެކީ ލޯންޗު ބަނދަރުން ނައްޓައިލިއެވެ. ޝަމީމާ އަށް އެހިސާބަށް އާދެވުނީ ލޯންޗު ބަނދަރާ ދުރުކުރި ފަހުންނެވެ.

"ނުލަފާ ކުއްޖެއްނު... މުއްސަނދި މުސްކުޅިއަކާ އިންނާށޭ އެދިޔައީ.... އަހަރެން އެ ސުންޕާ އަށް ނުކޮށްދެނީ ކޮންކަމެއް... ލާރި ފެނުނީމަ ބަލާ ބޮޑު ކުރި މީހާގައިގަ ކޮޅުފައިން ޖަހާފަ އެ ރައްކާވީ...." އެއްވެފައި ތިބި މީހުންނަށް ކުރިމަތި ލަމުން ޝަމީމާ ކިޔައިދެމުން ދިޔައެވެ. މާނޭވާ ލައިލައިފައި ރާނިއޭ ކިޔައިގެން ލެއްވިހާ ދޮގެއް ހަދަމުން ޝަމީމާ ދިޔައެވެ.

"ހަމަ އަސްލުތަ ޝަމީމާ؟" ކަތްދަ އަހައިލިއެވެ. ކަތްދަ އަކީ މީހުންގެ ވާހަކަ ހޯދަން ވަރަށް ފޯރި ހުންނަ މީހެކެވެ.

"އާނ އެކޭ... މަ ނުދެވޭނެއޭ ބުނީމަ މަށާ ދިމާލަށްވެސް އެއްޗެހި ގޮވާފަ އެދިޔައީ" ޝަމީމާ އެންމެންގެ މޫނަށް ބަލަމުން އަތް އުކައުކާފައި ކިޔައިދެމުން ދިޔައެވެ.

"ކީއްކުރާނީ... ލާރި އޮތިއްޔާ މުސްކުޅިއަކަސް ކަމުދާނެ މިހާރު ކުދިންނަށް" ކައިރީ ހުރި މާހިރާ ބުނެލިއެވެ. އެންމެންވެސް ޝަމީމާގެ ވާހަކަ ގަބޫލުކުރިއެވެ.

އެވާހަތައް އަހަން ހުރި ހަމީދާ ވެސް ހުރީ ހައިރާންވެފައެވެ. ރާނީ އާއި ޒިއަންގެ ލޯބީގެ ވާހަކަ އޭނާއަށްވެސް އޮތީ ކޮންމެވެސް ވަރަކަށް އިވިފައެވެ. އެހެންކަމުން އޭނާ އީމާން އަށް ގުޅައިލިއެވެ.  އީމާން ބުނިގޮތުގައި ރާނީ އެ އަންނަނީ ޒިއަންއާއި ކައިވެނި ކުރާށެވެ. ނަމަވެސް އެކަން ސިއްރުކޮށްދިނުމަށް އީމާން އެދުނެވެ. ހަމީދާ ދެން ކިޔައިދިނީ މިއަދު އަތިރިމަތީގައި ހިނގި ހާދިސާއެވެ. ހަމީދާއަށް އެވަގުތު ޝަމީމާގެ ނުބައިކަން އެނގިގެން ދިޔައެވެ. ހަމީދާ ފޯނު ބޭއްވުމުން ޒިއަންއަށް އެވާހަކަ އީމާން ކިޔައިދިނެވެ.

"މަޑުކުރޭ މެރީ ކުރެވުނީމަ އަދި ހޭއަރުވާލާނަން އެމީހުންނަށް" ގޮށްމުށުގެ އެތިފަހަރެއް ފާރަށް އަރުވައިލަމުން ޒިއަން ބުނެލިއެވެ. އެމީހުން އޭރު ތިބީ ޒިއަންގެ ގެއާ މާ ކައިރި ނޫން ގެސްޓްހައުސް އެއްގައި ރާނީ ބަހައްޓާނެ ކޮޓަރިއެއް ހަމަޖައްސާށެވެ.

"މަންހާ އަށް އިނގެއްޖިއްޔާ ނިމުނީ" މާޒިން ބުނެލިއެވެ.

"ނުވާނެ އެއް ކަމެއްވެސް" ހަމަ އެރާގުގައި ޒިއަން ބުނެލިއެވެ.

ޒިއަން ގެއަށް ވަތް އިރު ޒާހިދާ އިނީ ފޮތެއް ހިފައިގެން ސޯފާއެއްގައެވެ. ޒިއަން ފެނުމުން ފޮތް ލައްޕައިލުމަށްފަހު ތެދުވިއެވެ. ޒިއަން އަޅާނުލައި ދާން އުޅުމުން ޒާހިދާ ގޮވައިލިއެވެ.

"ޒިއަން ކޮން ކަންތައްގަނޑެއް މި ހިނގަނީ؟ ކުޑޫ ކޮންތާކަށް ދިޔައީ؟ އާލިމްވެސް އައިސްގެން އުޅުން" ޒާހިދާ ބޯ ކަމުންދިޔަ ސުވާލުތައް ޒިއަންގެ ކުރިމަތީގައި އަމުނައިލިއެވެ. ނޭންގެއޭ ބުނުމަށްފަހު ޒިއަން ދާން ހިނގައިގަތެވެ.

"މަންމައަށް އޮޅުވާލަން ނޫޅެބަލަ... މަންމައަށް ވެސް އިނގެންޖެހޭނެ ދޯ ކުދިން ކުރާ ކަންކަން" ޒިއަންގެ ކުރި ބައްދަމުން ޒާހިދާ ބުނެލިއެވެ.

"މަންމަ ކުޑޫ ކައިރީ ނޭހީ ކީއްވެ؟ ކުޑޫއަށް ދޯ އިނގޭނީ" މަންމަގެ މޫނަށް ބަލަންހުރެ ޒިއަން ބުނެލިއެވެ.

"ޔަގީނޭ އާލިމް އޭނަ ބޮލަށް އެރިގެން ކޮންމެވެސް ތަނަކަށް އެ ގެންދިޔައީ... މި ހުރިހާ ދުވަހު އަޅައެއްނުލައެއްނު... ކޮންމެވެސް ބޭނުމެއް އޮވެގެން އެއައީ މަންމައަށް ޔަގީން" ޒާހިދާއަށް ޝައްކު ކުރެވޭ ގޮތް ބުނެލިއެވެ. ޒިއަން އެކަމާ އަޅާނުލައި ވަނީ ކޮޓަރިއަށެވެ. މަންމަގެ ވިސްނުން ހުރިގޮތުން އެއްވެސް ކަމެއް ނޭންގޭކަން ޒިއަންއަށް ކަށަވަރުވިއެވެ. ނަސީބެކެވެ. މަންމަ އެ ކުށްހީގެ މަތީގައި ބެހެއްޓުން ރަގަޅު ކަމަށް ޒިއަން ދެކުނެވެ.

*****

ޒިއަންއަށް ހޭލެވުނީ ފޯނު ރިންގްވާ އަޑަށެވެ. ގުޅަނީ ޒައިނާއެވެ. ލެފެން އުޅޭ ވާހަކަ ބުނުމުން އަވަސްކޮށްލައިގެން ޒިއަން ބަނދަރަށް ދާން ނިކުތީ ގަރާޖުގައި އޮތް ޒައިނާގެ ކާރުގައެވެ.

"ދެން މި ލެފެނީ އޭ އޯކޭ ވާނެ" ޒައިނާގެ ކޮނޑުގައި ބޯ އަޅައިގެން އޮތް ރާނީ ކައިރީގައި ބުނެލިއެވެ. މީ ރާނީ ރަށުން ބޭރަށް މުޅި އުމުރުގައިވެސް ކުރި ފުރަތަމަ ދަތުރެވެ. ދަތުރު ދިގުވެފައި ކަނޑު ގަދަކަމުން ހޮޑުލެވި މީހާ ގައިން ވަނީ ވަރު ހުސްވެފައެވެ. ހޮޑުލި ވަގުތުތަކުގައި އެހީވީ ލޯންޗުގެ ފަޅުވެރިންނެވެ. އިއްތިފާގުން އެ ލޯންޗުގައި ތިބި އެންމެންނަށް ރާނީގެ މޫނު ވަނީ ފެނިފައެވެ. މީހުން ބަލަ ބަލާފައި ސިއްރު ބުނަމުން ދިޔަ މަންޒަރު ޒައިނާ އިނީ ބަލާށެވެ. އެއިން ކޮންމެ މީހަކަށް ރައްދު ދޭން އޭނާ ބޭނުންވެއެވެ. ނަމަވެސް މަޑުން އަޅާނުލައި އިނީއެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން އެމީހުންނަށް މާލެ އާދެވުނެވެ. ބަނދަރު މައްޗަށް ފޭބުމަށްފަހު ޒައިނާ ހޯދައިލީ ޒިއަންއެވެ. އޭރު ކާރު އައިސް އެމީހުންނާއި ހަމަކުރާނީއެވެ. އެތަނުގެ އަޑު ގަދަ ކަމުންނާއި މީހުން ގިނަ ކަމުން ރާނީ ހުރީ އުނދަގޫވެފައެވެ. އޭނާއަށް ބެލެމުން ދިޔައީ އެ މާހައުލަށެވެ. ދެން ފެނުނީ ކާރުން ފައިބައިގެން އަންނަ އޭނާގެ ލޯބިވެރިޔާއެވެ. އެ ހިނިތުންވުން ދެކިލާހިތުން ކެތްމަދުވެފައިވާ އެނަގެ ހިތް ނެގިނެގިފައި ޖެހެން ފެށުނެވެ. ފިރިހެން ވަންތަ ހިނގުމުގައި އައިސް ރާނީ އާ އަރާ ހަމަކޮށްލިއިރަށް ރާނީގެ ބޮލަށް ގޮތެއް ވާން ފެށިއެވެ. މުޅިތަން ފުސްވަމުން ގޮސް ވެއްޓެން ދިޔަ ވަގުތު ޒިއަން އަށް ހިފަހައްޓައިލެވުނީ ހަމަ ކިރިޔާއެވެ.

(ނުނިމޭ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް