ކުރީގެ އަދަދާ ގުޅޭ....
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ޒިއަން، އީމާން އަދި މާޒިން ދިޔައީ މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގައި ދުއްވަމުންނެވެ. ވަކި މަންޒިލެއް ނެތެވެ. ހަމަ ދުއްވަނީއެވެ. ސުނާމީ ބިނާ ކައިރިޔަށް އައިސް ޒިއަން ސައިކަލު މަޑުކޮށްލުމުން، ދެން ތިބި ދެމީހުންވެސް މަޑުކޮށްލައިފިއެވެ. ޒިއަން ގޮސް އިށީނީ ޖޯތްޔެއްގައެވެ. ކައިރީގައި މާޒިން އާއި އީމާން ވެސް އިށީނެވެ.
"އަހަންނަށް ފެންނަނީ ކުޑޫ ކައިރީގަ ބުނަން" މާޒިން ދިން ހިޔާލު ދެން ތިބި ދެމީހުންނަށް ވެސް ކަމުދިޔައެވެ.
ޒިއަން ކިޔަން އުޅެނީ ވަރަށް ބޮޑު ކަމަކުއެވެ. ޒައިނާ އެކަމާ އެއްބަސް ވާނެ ހެއްޔެވެ.
"ވިސްނައިދިނީމަ އެއްބަސް ވެދާނެ... ލެޓްސް ގޯ" ޒިއަން ޖޯލިން ތެދުވުމަށްފަހު ސައިކަލު ޕާކު ކޮށްފައި ހުރި ދިމާލަށް ހިނގައިގަތެވެ. އީމާން އާއި މާޒިން ވެސް ހަމަ އެ ބާރުމިނުގައި ގޮސް ސައިކަލަށް އަރައި ދުއްވައިލިއެވެ.
ޒިއަންމެންނަށް ގެއަށް އާދެވުންއިރު ޒާހިދާ ކޮންމެވެސް ތަނަކަށް ދާން ނިކުންނަނީއެވެ. ޒިއަން ފެނުމުން ޒާހިދާ އިސްޖަހައިލިއެވެ. ޒިއަން މަންމަގެ މޫނަށް ބަލައިލުމަށްފަހު އެތެރެއަށް ވަނީއެވެ. ޒިއަން އެދިޔަ ބާރުމިނުގައި ގޮސް ޒައިނާގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދިހަވަރަކަށް ސިކުންތުގެ ތެރޭގައި ޒައިނާ ދޮރު ހުޅުވިއެވެ.
"ކުޑޫ ޑޫ މީ އަ ފޭވާރ" ވަތްގޮތަށް ޒައިނާގެ ދެ އަތުގައި ހިފައިލަމުން ޒިއަން ބުނެލިއެވެ. ޒިއަންގެ މޫނަށް ބަލައިލުމުން ވަރަށް ބޮޑު ކަމަކު ކިޔަން އުޅޭހެން ޒައިނާއަށް ހީވިއެވެ. ޒައިނާ ވީ ކީއްތޯ އަހައިލިއެވެ.
"ކުޑޫ އަހަރެން ބޭނުމެއް ނޫނޭ މަންހާ އާ މެރީ ކުރާކަށް... މަންމަ ކައިރީ ބުނެފިން އެކަމަކު މަންމަ ބޭނުމެއް ނުވޭ އަހަރެން ރާނީއާ މެރީ ކުރާކަށް" މަންމައާ އެކީ އެރޭ ހިނގި ހާދިސާ ޒިއަން ކިޔައިދިނެވެ. އަދި ޒައިނާއަށް ރާނީގެ ފޮޓޯއެއް ފުރަތަމަ ފަހަރަށް ޒިއަން ދެއްކިއެވެ. އެ ވަގުތު މާޒިން އަށާއި އީމާން އަށްވެސް އެ ފޮޓޯ ފެނުނެވެ. އެ ދެމީހުންނަށްވެސް ރާނީގެ މޫނުގެ ފޮރުވިފައިވާ ފަޅި ފެނުން މީ ފުރަތަމަ ފަހަރެވެ.
"ހާދަ އެވިލް ވައްތަރެކޭ" މާޒިން އަށް މިހެން ބުނެވުނީ އިހުތިޔާރަކާ ނުލައެވެ. ދެން ތިބި ތިން މީހުން މާޒިން އަށް ބަލައިލުމުން މާޒިން ދޫ ބޭރަށް ލުމަށްފަހު ދުލުގައި ދަތް އަޅައިލިއެވެ.
"ޒިއަން އާ ޔޫ ޝުވަރ ޔޫ ވޯންޓް ޓް ޑޫ ދިސް؟" ސީދާ ޒިއަންގެ ލޮލަށް ބަލައިލަމުން ޒިއަން އަހައިލިއެވެ. ޒިއަން ބޯ ޖަހައިލިއެވެ.
"ބައްޕަ އަށް އެނގިއްޖިއްޔާ ކުޑޫ އާ ޒިއަން ވާހަކަ ދެއްކުން މަނާ ކޮށްފާނެ... އޯ ކުޑޫ މިގެއިން ވެސް ނެރެފާނެ" ބިރުން ހުރެ ޒައިނާ ބުނެލިއެވެ. ޒިއަން ބޯ ހޫރައިލިއެވެ.
"ބައްޕަ އަކީ އެހާ ހިތް ހަރު މީހެއް ނޫން... ކުޑޫ ނުނެރޭނެ ގެއިންނެއް... ނެރުނަސް އަހަރެން ދާނަށް ކުޑޫ ފަހަތުން އައި ޕްރޮމިސް... ޖަސްޓް ޑޫ އިޓް ފޯ މީ ޕްލީޒް" ޒައިނާ ޒިއަންގެ ގައިގައި ބައްދައިލިއެވެ. އަދި ބޯ ޖަހައިލިއެވެ. އެވަގުތު އީމާން އާއި މާޒިންވެސް އުފަލުން އެމީހުންގެ ގައިގައި ބައްދައިލިއެވެ. އެމީހުން އެހެން ތިއްބައި މީހަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ހަމަ އެވަގުތު ދޮރު ހުޅުވިގެން ދިޔައެވެ. ހަތަރު މީހުން އެއް ފަހަރާ ދޮރާ ދިމާލަށް ބަލައިލިއެވެ. އެއީ ކާކުކަން އިނގުމުން ޒިއަންގެ ކައިރިޔަށް އައީ ރުޅިއެވެ. ޒައިނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ޒިއަން ދާން ހިނގައިގަތުމުން އީމާން އާއި މާޒިންވެސް ބޭރަށް ދާން ހިނގައިގަތެވެ. ބޭރަށް ނިކުންނަމުން ޒިއަން އަދި އެއްފަހަރު އެ މޫނަށް ބަލައިލިއެވެ. ޒިއަންގެ އެ ބެލުމުން ހީވަނީ ދެންމެ ދެންމެ ގޮސް އޭނަ ގައިގައި ޖަހައިފާނެ ހެންނެވެ.
އެމީހުން ނިކުމެގެން ދިއުމުން އާލިމް ދޮރު ޖެހުމަށްފަހު ތަޅުލިއެވެ. ރޮވެން އުޅޭހެން ހީވުމުން ޒައިނާ އެނބުރުނީ އަނެއް ފަރާތަށެވެ. މިވީ ހަމަސް ދުވަހުގެ ތެރޭގައި ފިރިމީހާ ލޮލަށް ފެނުންމީ ދެވަނަ ފަހަރެވެ. އެއްފަހަރު އައީ ލެޕްޓޮޕް ބަލައެވެ. މިރޭ އެއައީ ކޯންޗެއް ބަލާ ހެއްޔެވެ. ޒައިނާ ހުރީ ދެއަތް ދެއަތާ މޮޑޭށެވެ. އާލިމް އައިސް ހުއްޓުނީ ޒައިނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޒައިނާ ލައިލައި ހުރި ނޭވާ ތާށިވި ކަހަލައެވެ. އާލިމް ފަހަތުން ޒައިނާގެ ގައިގައި ބައްދައިލިއެވެ. ސިއްސައިގެން ދިޔަވަރުން ނޭވާ ހިފަހައްޓައިލެވުނެވެ. އެވަގުތު ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އޮހިގަތެވެ.
"ހެއި ޒައި... އައި މިސްޑް ޔޫ" ޒައިނާގެ ކަންފަތް ދޮށުގައި އާލިމް ބުނެލިއެވެ. ޒައިނާއަށް ގިސްލެވެން ފެށުނެވެ. އިހުތިހާރަކާ ނުލައެވެ. އެއްގޮތަކަށްވެސް އާލިމް ކުރިމަތީގައި ބަލިކަށިވާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ މިހުރިހާ ދުވަހު ކެތްކުރި ފަދައިން މިވަގުތުވެސް ކެތް ކުރެވޭނެއެވެ. ޒައިނާ ކަރުނަތައް އަތުން ފުހެލުމަށްފަހު، އޭނާގެ ބަނޑުގައި ވަށައިލެވިފައިވާ އާލިމްގެ އަތް ނައްޓުވައިލިއެވެ. އަދި އާލިމްއާއި ކުރިމަތިލިއެވެ. އެ މޫނު އެހާ ކައިރިން މި ފެނުނީ ހާދަ ދުވަހެއް ފަހުގައެވެ. އެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. ލޯ ހުރީ ރަތްވެފައެވެ. ބޯ ހުރީ ހޭވިފައެވެ. ތުނބުޅި ވަނީ ދިގުވެފައެވެ. އޭނާގެ ލޯބިވާ ފިރިމީހާއަށް އައިސްފައިވާ ބަދަލުތައް އެންމެ ބަލައިލުމަކުންވެސް ފާހަގަކުރެވުނެވެ. ޒައިނާގެ އަތް ނެގުމަށްފަހު އެ މޫނުގައި ފިރުމައިލިއެވެ.
"އައި ރިއަލީ މިސްޑް ޔޫ" އަނެއްކާވެސް އާލިމް ބުނެލިއެވެ. ޒައިނާ ހުއްޓުން އެރިއެވެ. އިރުކޮޅަކު އާލިމްގެ މޫނަށް ބަލަން ހުރުމަށްފަހު ފަހަތައް ޖެހިލިއެވެ.
"ދޮގު... ހުސް ދޮގު" ޒައިނާ މިހެން ބުނެލިއިރު ކަރުތެރެ ވަނީ ހިކިފައެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭންގުނެވެ. އިނގޭހާވެސް އެއްޗަކީ އާލިމް އެ ހަދަނީ ދޮގު ކަމުގައެވެ. ހަނދާންވާ މީހެއް ނަމަ އޭނަ ދުނިޔޭގަ ހުރިތޯ ބަލައިލާނެއެވެ.
"އައިމް ސޮރީ ޒައި... އައި ޓްރައިޑް... ކިތަންމެ ދުވަހަކު އަންނަން އުޅުނިން.... އެކަމަކު އަހުދާ... ކޮންމެ ފަހަރަކު އަހަރެން އަޔަ ނުދޭން ކޮންމެވެސް ބަހަނާއެއް ދައްކާނެ... ދަރިފުޅު އަހަރެން އަތައް ދީފަ ދަންވަރުވެސް ބޭރުގަ އުޅެފާނެ...." އާލިމް ޒައިނާގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ޒައިނާ އަތް ފޮޅުވައިލިއެވެ.
"ގަބޫލު ކޮށްބަލަ ޒައި.... އައި ލަވް ޔޫ" އާލިމް މިފަހަރު ގަދަކަމުން ޒައިނާގެ އަތުގައި ހިފެހެއްޓިއެވެ. ޒައިނާ ބޯ ހޫރައިލިއެވެ.
"އަނބި ދަށުވީމަ އެއްނު... އާލް އަކީ ފިރިހިނެއް.... އަންނަން ބޭނުން ނަމަ އަންނާނެ... އެހެން ނޫނަސް މިހާރު އިންތިޒާރެއް ނުކުރަން... އަހަރެންގެ ބައްޕައާ ދެކޮޅަށް މި ކައިވެނި ކުރެވުނީމަ މިއަދު ދެރަވޭ... އައި ރިގްރެޓް" އާލިމްގެ ލޮލަށް ބަލަންހުރެ ޒައިނާ ބުނެލިއެވެ.
"ނޫން ޒައި ތިހެން ނުބުނެބަލަ... ޒައި ލުކް އެޓް މީ... އަހަރެން ރޭގަނޑު ނުނިދަން... ނުވެސް ކެވޭ... މަސައްކަތަކަށް ފަރުވާއެއް ނުބެހެއްޓޭ... އައިމް ސޮރީ އަދި އެއްފަހަރު މައާފް ކޮށްބަލަ... ޕްލީޒް" އާލިމް ޒައިނާގެ ފައިބުޑަށް ތިރިވެއްޖެއެވެ. އޭނާއަށްވެސް ރޮވިއްޖެއެވެ. މި މަންޒަރު ފެނުމުން ޒައިނާގެ ހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. އާލިމް އޭނާއާއި ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައް ކުރިކަމުގައި ވިޔަސް، އޭނާ އިންތިހާއަށް އާލިމްދެކެ ލޯބިވެއެވެ. އެއީ ބަދަލު ކުރެވޭނެ ހަގީގަތެއް ނޫނެވެ. އެ ލޯތްބަށް ވުރެ މަތިވެރި އެއްޗެއް މިވަގުތަކު އެ ހިތަކު ނެތެވެ. ޒައިނާ މިއަދު އެވަނީ ފިރިމީހާގެ ލޯތްބަށް އިންތިހާއަށް ބޭނުންވެފައެވެ. އެކަނި ހޭދަވާ ކޮންމެ ވަގުތަކު ވިސްނެނީއެވެ. ބޯ ފަޅައިގެން ދާވަރަށް ވިސްނެނީއެވެ. ޑިޕްރެޝަނައަށް ބޭސްކާތާވެސް މިހާރު ދެ މަސް ވެދާނެއެވެ. ނަމަވެސް އެކަން އެކަކަށްވެސް ނޭންގޭނެއެވެ.
ސޯފާގައި އިށީންދެ އިން ޒިއަން ބަލަމުން ދިޔައީ ތަޅުލެވިފައިވާ ޒައިނާގެ ކޮޓަރީގެ ދޮރަށެވެ. އޭނާ އެ އިންތިޒާރު ކުރަމުން ދަނީ އެ ދޮރު ހުޅުވޭނެ އިރަކަށެވެ. ކައިރީގައި މާޒިން އާއި އީމާންވެސް ފޯނާ ކުޅެން ތިއްބެވެ. ނަމަވެސް ޒިއަން އިނީ ފައި ތަޅުވާލަ ތަޅުވާލައެވެ.
"ޒިއަން ދެން ހިނގާ ދާން... ލެޓް ދެމް ޓޯކް" އެންމެ ފަހުން ނީންދެވިގެން އީމާން ބުނެލިއެވެ. ޒިއަން ބޯ ހޫރައިލިއެވެ.
"އެންމެ ކަރުނަތިއްކެއްވެސް ކުޑޫގެ ލޮލުން ވެއްޓިއްޖިއްޔާ އަހަރެން އޭނަ ގައިގަ ނުޖަހާނެ އެއްވެސް ގޮތެއް ނޯންނާނެ" އެ ދޮރަށް ބަލަން އިނދެ ޒިއަން ބުނެލިއެވެ. އީމާން ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. އެހެން ވެއްޖެނަމަ އީމާންވެސް އާލިމް ގައިގައި މިރޭ ޖަހާނެއެވެ. ޒައިނާ އަކީ އީމާން އާއި މާޒިންވެސް އެހާ ލޯބިވާ މީހެކެވެ. އެމީހުންވެސް ދެކެނީ އެއީ އެމީހުންގެ އެއްބަނޑުއެއްބަފާ ދައްތައެއް ގޮތުގައެވެ.
ނަމަވެސް މިހާރު ގަޑިން ބާރަ ޖަހައިފިއެވެ. އެ ދޮރެއް ނުހުޅުވުނެވެ. ހުރިހާ ކަމެއްވެސް ރަގަޅު ކަމަށް ބަލާފައި މާޒިން އާއި އީމާން ދިޔައެވެ. ޒިއަން ދޭއް ޖަހަންދެން އެތާ އިނެވެ. ނަމަވެސް އެދޮރެއް ނުހުޅުވުނެވެ. މިރޭ ޒިއަން ރާނީއަށް ގުޅާކަށްވެސް ހަނދާނެއް ނުވިއެވެ. ގަޑި ބަލައިލަން ފޯނު ނެގި އިރު ރާނީ ހަ ފަހަރު ގުޅާފައި އޮތެވެ. ހެނދުނުން ގުޅާން ނިންމައިފައި ޒިއަން އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
****
ހެނދުނު ހޭލެވުމުން އެންމެ ފުރަތަމަވެސް ޒިއަން ދިޔައީ ކުޑޫ ހޯދާށެވެ. ޒިއަން ނިކުތްއިރު ޒައިނާ ކާ ކޮޓަރި ތެރެއަށް ވަންނަނީއެވެ. ޒިއަން ފަހަތުން ގޮސް ވަތްއިރު މޭޒު ދޮށުގައި އިން އާލިމް ފެނުމުން މޫނުމަތި ބަނަވެގެން ދިޔައެވެ. ވީ ފޫހިން އަނބުރާލައިފައި ދާން އުޅެފައިވެސް ޒައިނާ ސައި ބޯން ގޮވުމުން ދާކަށް ނުކެރުނެވެ. އާލިމް ޒިއަންއަށް ގޮވައިލިއެވެ. ޒިއަން ގަދަކަމުން ހިނިތުންވެލިއެވެ. ޒިއަންގެ މޫނުމަތިން އަރާ ފައިބަމުން ދިޔަ ކުލަވަރު ޒައިނާ ދިޔައީ ފާހަގަކުރަމުންނެވެ. ހަގީގަތުގައި ޒިއަން އާލިމްދެކެ އެހާ ފޫހިވަނީ، އޭނަގެ ކުޑޫ އުޅޭ ހާލު ފެންނާތީއެވެ. އެކަނިވާ ވަގުތު ޒައިނާ ކުރާ ހިތާމައާއި، ރޯ ރުއިން އެންމެ ކައިރިން ފެންނަނީ ޒިއަންއަށެވެ. ހަމަޖެހޭ ކަމަށް ހެދިގެން ޒައިނާ އުޅުނެއްކަމަކު، ހިތް އޮތީ ކުދިކުދިވެފައިކަން ޒިއަންއަށް ވަރަށް ރަގަޅަށް އިނގެއެވެ. ޒައިނާ އަށް އެހާލު ޖެއްސުމުން، ޒިއަން އާލިމްއަށް ދުވަހަކުވެސް މައާފެއް ނުކުރާނެއެވެ.
"ޒިއަން އައިމް ލީވިންގ ދިސް ތާޒްޑޭ" ޒައިނާ ބުނެލިއެވެ. ކޮންތަނަކަށް ކަން ޒިއަންއަށް މާ ކުރިންވެސް އެނގެއެވެ. އެހާ އަވަހަށް ދާ ވާހަކަ ބުނުމުން ޒިއަން ކުޑަކޮށް ހައިރާންވިއެވެ.
"ބައްޕަ އައުމުގެ ކުރިން ނިންމާލަން" ޒައިނާ ބުނެލިއެވެ. ޒިއަންގެ ހުރިހާ ދަތެއް ފެނިގެން ދިޔައެވެ. އާލިމް ސުވާލެއް ނުކުރުމުން ޒައިނާ ބުނީކަން ޒިއަންއަށް އިނގުނެވެ. ޒިއަން ޒައިނާގެ މޫނަށް ބަލައިލުމަށްފަހު ލޮލުގެ އެއްކަނުން އާލިމް ދައްކައިލިއެވެ. ޒައިނާ ބޯ ޖަހައިލިއެވެ. ވީ އުފަލުން ޒިއަން އަށް ކައި ނިންމައިލެވުނީ ވަރަށް އަވަހަށެވެ. ސައި ބޮއެގެން ޒިއަން ނިކުމެގެން ދިޔައިރުވެސް އެދެމީހުން ކާކޮޓަރީގައި ތިއްބެވެ.
"އެކަނިތަ ދާނީ؟" ޒިއަން ދިއުމުން އާލިމް އަހައިލިއެވެ. ޒައިނާ ބޯ ޖަހައިލިއެވެ.
"އަނެއްކާ އާލިމް ދަނިކޮށް އަހުދާ ހިތްހަމަ ނުޖެހިދާނެ..." އިސްޖަހައިލަމުން ޒައިނާ ބުނެލިއެވެ. އާލިމް ޒައިނާގެ މޫނަށް ބަލައިލިއެވެ.
"ޒައި ޕްލީޒް...." އާލިމް އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"އައި ނޯ އާލް ނުބުނަން އުލުނަސް ދެ މީހުން މައްސަލައެއް ޖެހިގެންކަން ތި އައީ" މިހެން ބުނުމަށްފަހު ޒައިނާ އެތަނުން ނިކުމެގެން ދިޔައީ އެވެ. ކާން އިން ތަށި ދުރަށް ޖައްސައިލުމަށްފަހު އާލިމްވެސް ތެދުވެގެން ދިޔައީއެވެ.
****
ހަވީރުގެ ފިނި ފިނި ވަގުތެވެ. އަދިވެސް ފަޒާގައި ހިފާފައި ހުރީ މެންދުރު ވެހުނު ވާރޭގެ ފިނިކަމެވެ. އާދައިގެ މަތިން ރާނީ އުޅުނީ އިލޮށިފަތި ހިފައިގެން ބަގީޗާ ތެރެ ކުނި ކަހާށެވެ. ބިންމަތީގައި އުޑުފައިން އިށީންދެ އިނދެ ކުނި ކަހަމުން ދިޔައިރު، އެ ދިގު އިސްތަށިގަނޑުގެ އެއްބައި ބިންމަތީގައި ހޭކެމުން ދިޔައެވެ. މަޑު ރާގެއް ލައްވަމުން ރާނީ ކުނިކަހަމުން، ގަސްތަކަށް ނަޒަރު ހިންގަމުން ދިޔައެވެ.
"ރާނީ" ރާނީ ސިއްސައިގެން ދިޔައީ މީހަކު ގޮވައިލުމުންނެވެ. މަޑުމަޑުން ރާނީ ކޮޅަށް ތެދުވިއެވެ. އަދި އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު ފަހަތަށް އެނބުރުނެވެ. ގޭ ދޮރުމަތީގައި ހުރީ ރާނީ ދުވަހަކުވެސް ދެކުން މީހެއް ނޫނެވެ. ނަމަވެސް އެ މޫނު ފެނުމުން އެއީ ކާކުކަން ރާނީއަށް ހަމަ ރަގަޅަށް އެނގިއްޖެއެވެ. އިހުތިޔާރަކާ ނުލައި ރާނީއަށް ހިނިތުން ވެވުނެވެ. އިލޮށިފަތި ބިންމައްޗަށް ދޫކޮށްލުމަށްފަހު ރާނީ ކުރިޔަށް ހިނގައިގަތެވެ.
"މިއައީ ރާނީ ބަލާ" ރާނީ އައިސް ހުއްޓުމުން އެމީހާ ބުނެލިއެވެ.
"ނުނިމޭ"
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް