ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން މަޖިލީހަށް ފޮނުވައިފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ކައުންސިލް އިންތިހާބު2021 ގެ އ...

07 Mar 2021 | 18:40

ޓްރާންސްޕޯޓު މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބު2021 ގެ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ސިލްސިލާ ބައްދަލުވުންތަކުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އޮތޯރިޓީ އުވާލަން މަޖިލީހަށް ފޮނުވީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި އޮތޯރިޓީ އާއި ދެމެދު ގާނޫނީ ފުށުއެރުންތަކެއް ހުރުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ އޮތޯރިޓީގައި ހުރި މައްސަލަތަކުގެ ތެރޭގައި ބާރުތައް ފުށޫއެރުން ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ އެތަނުގެ ހިންގުން ލަސްކަން އެމަނިކުފާނަށްވެސް ފާހަގަ ކުރެއްވޭ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ޓްރާންސްޕޯޓު އޮތޯރިޓީ އުވާލުމުން މިނިސްޓްރީގެ އޮނިގަނޑަށް ގެެނެވޭ ބަދަލުތަކާއިއެކު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީ އުވާލައި ހިދުމަތްތައް ލާމަރުކަޒު ކުރުމުން ސިޓީ ކައުންސިލްތަކަށްވެސް ކުރެވިދާނެ މަސައްކަތްތަކެއް އެބަހުރިކަމަށް ދެކެވަޑައިގެންނަވާ އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން އެ ސިޓީ ތަކެއްގެ ވެހިކަލްތައް ބެލެހެއްޓުމާއި ރަޖިސްޓްރީ ބެލެހެއްޓުމަކީ ލާމަރުކަޒީ ކޮށްގެން ބާރުތައް ދޫކޮށްލެވިއްޖެނަމަ ފަސޭހަތަކެއް މިނިސްޓްރީއަށާއި މައި ސަރުކާރަށް އަންނާނެ ކަމެއް ކަަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ މައްސަލަ ބޮޑުވެފައިވާއިރު ޓްރާންސްޕޯޓު މިނިސްޓްރީއަކީ ސިޔާސީ ބޭފުޅުންގެ މެދުގައިވެސް ހަމަނުޖެހުން ބޮޑު މިނިސްޓްރީ އެކެވެ. އެ އޮތޯރިޓީގެ ހިދުމަތްތަކާއި ގުޅިގެން މިއަދުވެސް ބަޔަކު މުޒާހަރާ ކޮށްފަ އެވެ.

މިއަދު ބަޔަކު މުޒާހަރާ ކުރީ ކޯވިޑާއި ގުޅިގެން ލައިސަންސް ނެގުމުގެ ފުރުސަތު ބަންދުކޮށްފައި އޮތްނަ އިރު ލައިސަންސް ނެތިގެން ޖޫރިމަނާ ކުރަމުންދާ ކަމަށް ބުނެ އެވެ. މި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް