އައްޑޫ ސިޓީން ކޯވިޑް-19ގެ ކޭސްއެއް ނުފެންނަތާ ތިން ދުވަސް ވެއްޖެ އެވެ.
އެ ސިޓީގައި ކޯވިޑް-19ގެ ބޮޑު ތިން ކްލަސްޓާ އުފެދިފައިވެ އެވެ. އެއީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގަ އުފެދުނު އޭވިއޭޝަން ކްލަސްޓާ، ހުޅުމީދޫގެ މީދޫ ކްލަސްޓާ އަދި އެމްޓީސީސީ ކްލަސްޓާއެވެ.
އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު ވޭތުވެދިޔަ ތިން ދުވަހު އެ ސިޓީގެ އެއްވެސް ރަށަކުން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެފައެއް ނުވެ އެވެ. އަދި ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ހަތަރު މީހުން ވަނީ ބަލިން ރަނގަޅުވެގެން ދޫކޮށްލާފައި އެވެ.
މިވަގުތު އެ ސިޓީގެ ތިން ކްލަސްޓާއިން ޕޮސިޓިވްވި 92 މީހުންގެ ތެރެއިން ފަރުވާ ދެމުން ދަނީ 25 މީހުންނަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 67 މީހުން ވަނީ ރަނގަޅުވެފައި އެވެ.
އައްޑޫގައި އެންމެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ އޭވިއޭޝަން ކްލަސްޓާއިންނެވެ. އެ ކްލަސްޓާއިން އައްޑޫގެ ގުޅިފައިވާ ރަށްތަކުން 43 މީހަކު ޕޮސިޓިވްވި އިރު އިތުރު ދެ ރަށަކުން ހަތަރު މީހުން ޕޮސިޓިވްވި އެވެ.
ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާއިން ޕޮސިޓިވްވީ 35 މީހުންނެވެ. އަދި މީދޫ ކްލަސްޓާއިން ޕޮސިޓިވްވެފައިވަނީ 14 މީހުންނެވެ. މީދޫ ކްލަސްޓާއަކީ އެމްޓީސީސީ ކްލަސްޓާ އާއި ގުޅިގެން ހުޅުމީދޫގައި ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެނގިގެން ދިޔަ ކްލަސްޓާއެކެވެ.
މި ތިން ކްލަސްޓާ އާއި ގުޅިގެން މިދިޔަ މަހުގެ ހައެއްގެ ފަހުން އައްޑޫ ސިޓީގެ ރަށްތަކުން 3،978 ސާމްޕަލް ކޯވިޑަށް ޓެސްޓު ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް