އިންޑިއާގެ މެޑިކަލް ވިސާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމެންޓް ދޫކުރަން ފަށައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އެޕޮއިންޓްމެންޓަށް އެދުމުގެ ކުރިން އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފުރިހަމަ ކުރެވޭނެ ކަމަށެވެ. އަދި ވިސާ ޖެހުމުގެ އެޕޮއިންޓްމަންޓް ހަދަން ހާއްސަކޮށްފައިވާ ވެބްސައިޓަށް ގޮސް އެެކަމަށް އެދި ހުށަހެޅޭނެ ކަމަށާއި އެންމެ އަވަހަށް ލިބެން އޮތް ވަގުތަށް އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެ ކޮމިޝަން އިން ބުންޏެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ މި ބަދަލާ އެކު އެޕޮއިންޓްމަންޓް ހަދަން މިދިޔަ މަހުގެ ފަހުކޮޅު ހަމަޖެއްސި ފޯނު ނަންބަރު ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ. އަދި މިއީ އެތަނުން ދޭ ހިދުމަތްތައް ޑިޖިޓަލްކުރުމަށްޓަކައި ކުރެވެމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަަމަށް ވެސް ބުންޏެވެ.
ވިސާއަށް އެދުމަށްޓަކައި މިދިޔަ ހަފްތާގައި ފޯނު ނަންބަރެއް ހަމަޖެއްސީ އެ މަސައްކަތް ކުރަން ބޭނުންކުރާ ސިސްޓަމަށް މައްސަލައެއް ކުރިމަތިވުމުން ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކޮށް ރޭގަނޑު ކިޔު ހަދައިގެން ހައި ކޮމިޝަން ދޮރުމަތީގައި ތިބެން ފެށުމުން ވަގުތީ ހައްލެއްގެ ގޮތުގަ އެވެ.
ކޯވިޑް-19 އިން ރައްކާތެރިވާން އިންޑިއާގެ ބޯޑަރުތައް ބަންދުކުރެވިފައި އޮތަސް ރާއްޖެއާ އެކު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން، ބޭސްފަރުވާއަށް ދިވެހިިންނަށް އިންޑިއާއަށް ދެވޭ ގޮތް އެ ގައުމުން ވަނީ ހަމަޖައްސައިދީފަ އެވެ.
އެ އިންތިޒާމް ހަމަޖައްސައިދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް