މެމްބަރުން ދިގު މުއްދަތަށް ސަލާމުގައި ތިބޭ މައްސަލަ ހައްލުކުރަން އިސްލާހެއް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަލާމް ބުނުމުގައި އަމަލު ކުރަމުންދާ ގަވައިދަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހު ހުށަހަޅުއްވައިފި އެވެ. މި އިސްލާހު ހުށަހެޅުވީ މަޖިލީ...

07 Mar 2021 | 14:29

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަލާމް ބުނުމުގައި އަމަލު ކުރަމުންދާ ގަވައިދަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހު ހުށަހަޅުއްވައިފި އެވެ.

މި އިސްލާހު ހުށަހެޅުވީ މަޖިލީހުގެ މެމްބަރުން، ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ވަޑައިނުގެން، އެއްވެސް ހައްދެއް ނެތި ސަލާމުގައި ނުތިއްބެވޭ ގޮތް ހެދުމަށެވެ. އިސްލާހާއި އެއްގޮތަށް ގަވައިދު ފާސްވެއްޖެ ނަމަ މެޑިކަލްް ސެޓްފިކެޓް ހުށަނާޅުއްްވައި، ސަލާމުގައި ތިއްބެވޭނީ އަހަރަކު 15 ދުވަހު އެވެ.

15 ދުވަހަށް ވުރެ ގިނަ ދުވަހު ޗުއްޓީގައި ހުންނެވޭނީ މެޑިކަލް ސެޓްފިކެޓް ހުށަހަޅުއްވައިގެންނެވެ. އަދި އެގޮތަށް ޗުއްޓީ ނެންގެވޭނީ އަހަރަކު 15 ދުވަސް ކަމަށާއި މެމްބަރުންނަށް ސަލާމް ވިދާޅުވެގެން ތިއްބެވޭނީ އަހަރަކު ޖުމްލަ 30 ދުވަސް ކަމަށް މީކާއީލްގެ އިސްލާހުގައި ވެ އެވެ.

އެކަމަކު މި އިސްލާހުގައި ހާއްސަ ހާލަތްތަކުގައި މެމްބަރުންނަށް ލުއި ލިބިވަޑައިގަންނަވަ އެވެ. އެއީ ބޮޑު ބައްޔަކަށް ފަރުވާ ކުރައްވަން ޖެހިވަޑައިގެންނެވުން ނުވަތަަ އެކްސިޑެންޓެއްގެ ސަބަބުން އަނިޔާވުމެވެ.

2019 ވަނަ އަހަރުގެ އޮގަސްޓު މަހު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ ހުއްދައާއި އެކު، ސަލާމާއި ޗުއްޓީގައި ތިބޭ މެމްބަރުން ފިޔަވައި، މެމްބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންވާނެ އެވެ.

މީކާއިލް މި އިސްލާހު ހުށަހަޅުއްވާފައި މިވަނީ ބައެއް މެމްބަރުން ގާތްގަނޑަކަށް އަހަރެއްހާ ދުވަހު ރައީސްގެ ހުއްދަ އާއިއެކު ސަލާމު ތިއްބަވާ މައްސަލައިގަ ރައްޔިތުންގެ ނުރުހުން އަމާޒުވަމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް