އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމުގެ ފުރުސަތު ނުދީ ޖޫރިމަނާ ކުރާތީ ޓްރާންސްޕޯޓު އޮތޯރިޓީގައި ބަޔަކު މުޒާހަރާ ކުރަމުން އެބަދެ އެވެ.
މި މުޒާހަރާގައި މާ ގިނަ މީހުންނެއް ބައިވެރިއެއް ނުވެ އެވެ. އެކަމަކު ބައިވެރިވި މީހުން ގިނަ އަދަދެއް ޕޯސްޓަރު ގެންގުޅެ އެވެ.
އެ ޕޯސްޓަރުތަކުގައި ލިޔެފައިވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭގޮތަށް ގަވައިދެއް ހަދައިގެން ނަމަވެސް ލައިސެންސް ނެގުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި މިހާޜު ކުރަމުންދާ ޖޫރިމަނާތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ހިދުމަތްތައް ލަސް މައްސަލައިގެ އިތުރުން އެ އޮތޯރިޓީން މައުލޫމާތު ހޯދުމުގައި ދިމާވާ ދަތިތަކާއި މެދު މުޒާހަރާގެ ބައިވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެ އެވެ.
ލައިސެންސް ނެގުން ވަގުތީގޮތުން މެދުކަނޑާލީ މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ ކޯވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
މި މުޒާހަރާ އާއި ގުޅިގެން ޓްރާންސްޕޯޓު އޮތޯރިޓީން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް