ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލާ ދުވަސް އައިސް ބޯމަތިވަނީއެވެ. ވޯޓުގެ ދުވަސް ގާތްވިވަރަކަށް މީހުންގެ ހިއްތަކަށް އެކިކަހަލަ ވަސްވާސްތައް ވެރިވަމުންދެއެވެ. ބައެއް މީހުން ފައިސާ ކޮޅެއް ހޯދުމަށެވެ. އަނެއްބަޔަކު ކޮންމެވެސް އެހެން ފައިދާހުރި އެއްޗެއް ހޯދުމަށެވެ. ވޯޓޭ ބުނީމަ ބައެއް މީހުން ހިތައް އަރަނީ އެއީ ތިމާ ބޭނުންވެ ނުކުރެވި ހުރި ކަންކަން ހާސިލްކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައަވެ. އެގޮތުން ވޯޓު ބޭނުންވެގެން ކެމްޕޭން ކުރަން ތިމާމެންގެ ގާތައް އަންނަ ކެނޑިޑޭޓްގެ ކިބައިން ވޯޓުގެ ބަދަލުގައި ބޭނުންވަނީ ފައިސާ ކޮޅެއް ދިނުމަށް ޝަރުތުކުރުމެވެ.
ހަގީގަތުގައި ވޯޓަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފައަށް ވާއިރު، ވޯޓު ލުމުގެ ހައްގަކީ ހަމަ ކޮންމެ މީހަކަށްވެސް ލިބޭ އެންމެ ޝަރަފްވެރި އެއް ހައްގެވެ. ގައުމެއް ހެޔޮގޮތުގައި ކުރިއަރުވާ ބިނާކުރުމަށް ލިބޭ އެންމެ ބޮޑު ފުރުސަތުގެ ހައްގެކެވެ. ގައުމުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން އެންމެ ދަށުލެވެލް އާއި ހަމައަށް ވެސް މީހަކު ހޮވުން ފަދަ މުހިންމު ކަންކަމުގައި މިނިވަން ކަމާ އެކު އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތް ބުނުމުގެ ހައްގު ވޯޓުގެ ޒަރީއާއިން ލިބިގެން ދެއެވެ. ވޯޓުން ގައުމުގައި ބޮޑެތި ކަންކަން ނިންމާ އިރު މިކަމަކީ ކޮންމެ ފަރުދަކު ވެސް އަދާ ކުރަން ޖެހޭ ގައުމީ ޒިންމާ އެކެވެ. އެގޮތުން ކޮންމެ ފަރުދަކުވެސް ރަނގަޅު ގޮތުގައި ވޯޓު ލުމުގެ ހައްގުގެ ބޭނުން ހިފުމަކީ ގައުމީ ވާޖިބެއްކަން ދަންނަން ޖެހެއެވެ.
ކަން މިހެން އޮތް ނަމަވެސް، ކަންތައް ވަމުން ދަނީ ލަދުވެތި ގޮތަކަށެވެ. ހިތާމަކުރަން ޖެހޭފަދަ ހޮތަކަށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ވިސްނުމެއް ފިކުރެއް ޚިޔާލެއް ނެތި، މަދު ފައިސާކޮޅަކަށް ވޯޓު ގަނެ ވިއްކާ މަންޒަރުފެންނަނީ މަދެއްކޮށެއް ނޫނެވެ. މިއީ އަޅުގަނޑުމެން އެންމެން ދަންނަ ބޮޑު ހަގީގަތެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސް ބޯމަތިވަމުން އަންނަ އިރު މީހުންގެ ގާތައް ގޮސް ވޯޓު ގަންނަ ޓީމުތައް ހަރަކާތްތެރިވަމުން ދެއެވެ. ހަމަ އެހެންމެ، ތިމަންނާގެ ވޯޓު ދޭނީ ތިމަންނާ އަށް މިވެނި ކަމެއް ކޮށްދޭ ނުވަތަ ނުވަތަ މިވެނި އަދަދަކަށް ފައިސާދޭ މީހަކަށް ކަމަށްބުނެ އުޅޭ މީހުންވެސް މަދެއް ނޫނެވެ.
ވޯޓު ގަނެ ވިއްކަމުންދާ މި ދަނޑިވަޅުގައި ސިޔާސީ މަންފާ އަށް ނިކަމެތި ކަމުގައި ރައްޔިތުން ބައިތިއްބައިގެން ކޮންމެ ފަހަރަކު ވޯޓާ ކައިރި ވުމުން އެމީހުންގެ ފަގީރު ކަމުގެ ނާޖާއިޒު ފައިދާ ނަގާ ވޯޓުގަނެގެން ނަތީޖާ އަށް ނުފޫޒް ފޯރުވުމަށް މަސައްކަތް ކުރަނީ މަދެއްކޮށެއް ނޫނެވެ.
ވޯޓު ވިއްކުމުގެ ސަބަބުން، ކަރަޕްޝަން އާއްމު ވުމާއި، ޑިމޮކްރަސީ ބަލިކަށި ވުމާއި، ގައުމުގެ ހަމަޖެހުމާއި، ސިޔާސީ މަގާމްތަކަށް ހޮވޭ މީހުން ޒިންމާދާރު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް އެއީ އެފަދަ މީހުންގެ ވިސްނުމުގައި ހުންނަ ކަންކަމަށް ގިނަފަހަރު ނުވެއެވެ.
ދަންނާށެވެ.! އެއްވެސް އިންތިޚާބެއްގައި ފައިސާއަށް ވޯޓު ގަނެ ވިއްކުމަކީ ސިޔާސީ މަގާމުތަކަށް ކުފޫހަމަނުވާ މީހުން އިންތިޚާބުވުމަށް ހުޅުވޭނެ ދޮރެކެވެ. ވޯޓު ގަނެގެން އިންތިޚާބުވާ މީހާ މަގާމަށް އެ އަންނަނީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި ރިޝްވަތުގެ ނުފޫޒުން އެމީހުންގެ އަމިއްލަ ކަންކަން ފުއްދުމަށެވެ. އެފަދަ މީހަކު ތެދުވެރިކަމާ އިޚްލާސްތެރިކަމާ އެކު މަގާމުގެ ޒިންމާތައް އަދާނުކުރާނެއެވެ. މިއީ މުޅި ދުނިޔެވެސް ދައްކާ ބޮޑެތި ހަގީގަތްތަކެވެ.
ވޯޓުލުން ފަދަ ގައުމީ މުހިންމު ވާޖިބެއް އަދާކުރުމުގެ ޒިންމާ އަދާކުރަން ޖެހޭ މުހިންމު ދަނޑިވަޅެއްގައި މަދު ފައިސާ ކޮޅަކަށް ތިމާގެ ޒިންމާ ވިއްކާލާއިރު، ގައުމަށް އެ ވެވެނީ ކޮންފަދަ ބޮޑު ޚިޔާނާތެއް ކަން ދަންނަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ. ތިމާޔަށް މި ކުރެވެނީ ކަނޑައެޅިގެން ނުބައި ކަމެއްކަން އެނގިތިބެ މި ކުރަނީ ކޮންފަދަ ބޮޑު ފާފައެއް ތޯއެވެ. އެއްދުވަހުން އަނެއް ދުވަހަށް ގައުމުގެ ހާލަތު ބަދަލު ކޮށް ރަނގަޅު މަގަށް ވާސިލްކުރުމަށް ލިބޭ މިފަދަ އަގުހުރި ފުރުސަތުތަކުގައި މަދު ފައިސާކޮޅަކަށް ތިމާގެ ވޯޓު ވިއްކާލާ ގައުމު އޮޔާދާން ދޫކޮށްލަން ކެރޭނީ ގައުމަށް އެއްވެސް ލޯތްބެއް ހިތުގައި ނެތް ޚާއިނުންނަށެވެ.
ދީނީ ނަޒަރަކުން ބެލިޔަސް ފައިސާއަށް ވޯޓުގަނެ ވިއްކާ ވިޔަފާރި އެއްގޮތަކަށް ވެސް ހުއްދައެއް ނޫނެވެ. ރާއްޖޭގެ ބައެއް މަޝްޙޫރު ދީނީ ޢިލްުވެރިން ވިދާޅުވާ ގޮތުގައި ވަކިކޮޅަކަށް ވޯޓު ދޭނެ ކަމަށް ވައުދުވެ ފައިސާ ނުވަތަ ތަކެތީގައި ހިފުމަކީ އެއްގޮތަކަށް ވެސް ހުއްދަވާނެ ކަމެއް ނޫނެވެ. އެއީ ރިޝްވަތެވެ. ހޫނު އަލިފާނެވެ. އެއީ ބޮޑުވެގެންވާ ލައުނަތް ހުރި ހަރާމް ކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް