ރާއްޖެއިން ކޯވިޑް-19 ވެކްސިން ޕާސްޕޯޓެއް ތައްޔާރު ކުރަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ރޭ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ވެކްސިން ގްރީން ކާޑު ތައާރަފު ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ގައުމުތަކުން އެ ގައުމުތަކަށް އެތެރެވާއިރު ވެކްސިން ދެ ޑޯޒު ފުރިހަމަ ކުރިކަމުގެ ކާޑު ހުށަހަޅަން އަންގަމުންދާތީ އެކަމަށް ރާއްޖެއިންވެސް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުމަށް ރާއްޖެއިން ތައްޔާރުވަމުންދާ ކަމަށް ވިދާޅުވި އެވެ.
މި ޕާސްޕޯޓު އޮތިއްޔާ ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައިވެސް އެއްވެސް ހުރަހެއް ނޯންނާނެ އެވެ. ނަސީމް ވިދާޅުވީ އޭގެ މާނައަކީ މާލެއިން ރަށްރަށަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ.
ރާއްޖޭގައި ވެކްސިން ޕާޕޯޓު ދޫކުރާނީ ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ މީހުންނަށެވެ.
ރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ ދެ ވަނަ ޑޯޒު އަދި އެއްވެސް މީހަކަށް ނުދެ އެވެ. ވެކްސިންގެ ދެ ވަނަ ޑޯޒު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ އށް ހަފްތާ ވުމުން ވެކްސިން ޖެހިކަމުގެ ކާޑާއި އެކު ސެންޓަރުތަކަށް ދިއުމުން ދެވަނަ ޑޯޒު ޖަހައިދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް