ރަމަޟާން މަސް އަންނަންވާއިރަށް މީސްތަކުންގެ ޙައްޤުތައް އަދާކޮށްދީ !

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމްނެނާއި ބައްދަލުކުރަން މިއާހުރު މިއޮތީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވީތީ އެމަހަށް ތައްޔާރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް އެބަކުރ...

07 Mar 2021 | 07:42

ބަރަކާތްތެރި ރަމަޟާންމަސް އަޅުގަނޑުމްނެނާއި ބައްދަލުކުރަން މިއާހުރު މިއޮތީ ގާތްގަނޑަކަށް މަހެއްހާ ދުވަހެވެ. އަޅުގަނޑުމެން މުސްލިމުންނަށް ވީތީ އެމަހަށް ތައްޔާރުވުމަށް ވަރަށް ގިނަ ކަންތައްތަކެއް އެބަކުރަން ޖެހެއެވެ. އެގޮތުން ފުރިހަމަ ތައުބާއަކުން ތައުބާވެ، މީހުންގެ ހައްޤުތަކަށް އަރައިގަނެވިފައިވާނަމަ އެކަމަކުންވެސް ސަލާމާތްވާން އެބަޖެހެއެވެ.

އެގޮތުން މި ލިޔުމުގައި މި އަލިއަޅުވާލަނީ ރަމަޟާން މަހާއި ބައްދަލުކުރާއިރު، މީސްތަކުންގެ ހައްޤުތައް އަދާކުރުމުގެ މައްޗަށެވެ.

މީހުންގެ ޙައްޤުތަކަށް އަރައިގަނެ މީހުންގެ މުދާ ފޭރިގަނެ ތިބެ ރޯދަ ހިފުމަކީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫނެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭނެ ކަންކަމުގެ ތެރޭގައި މީސްތަކުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރުން ހިމެނެއެވެ. ތިމާގެ ނަފްސް ޠާހިރުކުރަން ޖެހޭނެއެވެ. އެހެން މީހުންގެ ހައްޤުތައް އަދާކުރުމަކީ ނަފްސް ޠާހިރުކުރުމުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ކަމެކެވެ.

މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައި ފައިސާ ދައްކަންޖެހޭ ދުވަސް އައުމުން އެކަމާއިމެދު އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި ގިނައެވެ. އެހެން މީހުންއަތުން ފަހުން ދޭގޮތައްވިޔަސް ނަގާ ފައިސާ ނުވަތަ މުދާ އަނބުރާ ދޭން ބުނި ދުވަސް ފާއިތުވެ ގޮސް އެފަދަ ކަންކަން މަތިން ހަނދާން ނައްތާލާ މީހުން ގިނައެވެ. އަދި އެއީ ތިމާ އަދާކުރަން ޖެހޭ އަނެކާގެ ހައްޤެއްކަމާއި މެދު އެއްވެސް ޚިޔާލެއް ފިކުރެއް ނުހުންނަ ކަހަލައެވެ. އެފަދަ ކަންކަމަކީ މުސްލިމުން އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަންކަން ނޫނެވެ.

މަކަރާއި ޙީލަތުން ނަމަވެސް އަދި ފަހުން އަނބުރާ ދައްކާގޮތައް ނަމަވެސް ފައިސާ ހޯދުމަށްފަހު އެ ފައިސާ އަނބުރާ ނުދައްކާ ނުވަތަ ތިމާއަށް ބޭނުމެއް ޖެހިގެން ފައިސާ ހޯދުމަށްފަހު އެކަމަށް ޚިޔާނާތްތެރިވެ އެކަމުން ހަނދާން ނައްތާލާފައި ތިބެނީ އަޅުގަނޑުމްނެގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ. މީހުން ބުރަމަސައްކަތްކޮށްގެން ހޯދާ އެމީހުންގެ މުދަލާއި ފައިސާ އަނެކާގެ އެހީތެރިކަމަށް ބޭނުންވުމުން އަނބުރާދައްކާ ގޮތައް ދޭ މިފަދަ ތަކެތި މަތިން ހަނދުމަ ނެތިކޮށްލާފައިހުރުމަކީ ތިމާއަށް އެކަމުން ސަލާމަތް ވެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަންކަން ކުރާއިރު ތިމާގެ އަމަލުތައް ހިސާބުކުރެވޭނެ ދުވަހެއް އޮތްކަމާއި މީސްތަކުންގެ ހައްޤުތައް އަދާކުރަން ޖެހޭނެ ދުވަހެއް އޮތްކަމަށް ވިސްނައި ބިރުވެޔިވާންޖެހޭނެ އެވެ.

ކިތެންމެ ކުޑަނަމަވެސް މީހެއްހެ ހައްޤަކަށް އަރައިގަނެވިފައި އޮތްނަމަ އެކަމެއް އަނބުރާ އެއެއްޗެއް ނުވަތަ އެކަމެއް އެ ހައްޤުވެރިފަރާތަށް ލިބިދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

ދަންނާށެވެ. މީސްތަކުންނަށް އަނިޔާވެރިވެ ޚިޔާނާތްތެރިވާ މީހުންނަށް ސުވަރުގެ ވަދެވޭނީ މީސްތަކުންގެ ހައްޤުތައް އަދާކުރުމަށްފަހުގައި ކަމަށް ޢިލްމުވެރިންގެ ފަތުވާތަކުން އެނގެއެވެ. އަނިޔާލިބުނު މީހުންގެ ކިބައިން މަޢާފް ލިބި ޚިޔާނާތްތެރިވި އަދަދު އަނބުރާ ޖަމާކުރުމުން ނޫނީ މާތްﷲ އެފަދަ މީހުންގެ ފާފަ ނުފުއްސަވާނެ ކަމަށެވެ. އެއްވެސް ފާފަވެރިއަކަށް ސުވަރުގެ ނުވަދެވޭނެ ކަމަށް ޢިލްމުވެރިންގެ ބަސްތަކުން އެނގިފާޅުވެއެވެ.

އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ހައްޤުތަކަށް އަރައިގެންފައިވާނަމަ އެ ކުށަށް މާތްﷲ މަޢާފް ނުކުރައްވަވާނެ ކަން ހަނދާނުގައި ބަހައްޓާށެވެ. މާތް ﷲ ފުއްސަވާނީ އެމީހަކާއި މާތް ﷲ އާއި ދެމެދުގައިވާ ކުށްތަކެވެ. އެހެން މީހުންގެ މައްސަލަތަކުގައި މާތް ﷲ އެކަން ކުރި މީހެއްގެ ފާފަ ފުސްސަވާނީ އެމީހަކު ނުވަތަ އެބައަކު އެކަމަށް މަޢާފްކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް