ދަރިންނަކީ މާތް ﷲ އަހަރެމެންނާއި ހަވާލުކުރައްވާ ވަރަށް ބޮޑު އަމާނާތެކެވެ. އެހެން ކަމުން އެ ދަރިން ހެޔޮގޮތުގައި ތަރުއްބިޔަތުކޮށް މުޖުތަމަޢުއަށް ފައިދާހުރި ބަޔަކަށް ހެދުމަކީ އަހަރެންމެގެ މައްޗަށް ވާޖިބުކަމެކެވެ.
އެގޮތުން ދަރިންނަކީ ހެޔޮބަސް ބުނާ ހެޔޮބަސް އަޑުއަހާ ބަޔަކަށް ހަދުމަކީ އެންމެ ހުހިންމު އެއްކަންތައްކަކެވެ. އެހެނީ ހެޔޮ ބަހަކީ ސޮދާގާތެކެވެ.
ހެޔޮބަހަކީ އެއީ އީމާންކަމުގެ ވަސްމީރު ބަގީޗާގައި ފޮޅިފައިވާ ރީތި މަލެކެވެ. ހެޔޮ ބަހަކީ ހަޔާތުގެ ހިނިތުންވުމެވެ. އެއީ ތުންފަތުގެ ހުވަނދެވެ. ޒަހަމްތަކުގެ ފަރުވާއެވެ. ހަށިގަނޑާއި ފުރާނައިގެ ޝިފާއެވެ. ހެޔޮ ރަނގަޅު ބަހަކީ، ވާހަކަ ދައްކާ މީހާގެ ޝަހުސިއްޔަތެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑިއެވެ. ކޮންމެ ހެޔޮ ބަހެއްގައި ހިމެނޭނީ ހަަމައެކަނި މަންފާ އާއި ލާބައެވެ. އެއީ ފުރައްސާރަ ކުރުމާއި، ނެތި މޮށުމާއި ފޮށުމާއި، އެއްޗެހި ކިއުން އޭގައި ނުހިމެނޭ ބަހެވެ. ހެޔޮ ބަހަކީ ﷲ ތައާލާ ހަނދުމަ ކުރުމާއި، ތަހުލީލާއި، ތަހްމީދާއި، ތަސްބީހަ ހިމެނޭބަހެވެ. އަދި އެއީ ފައިދާ ކުރަނިވި އިލްމުލިބޭ ހެޔޮކަންތަކަށް އަމުރުކުރާ، މުންކަރާތްތައް ނަހީކުރާ ބަހެވެ. އެއީ މީސްތަކުންނަށް ހެޔޮ ނަސޭހަތް ދިނުމާއި، ހެޔޮމަގު ދައްކައިދިނުމެވެ.
ހެޔޮ ބަހަކީ މަންޒަރު ރީތި، ވަސްމީރު، މޭވާފޮނި، ހިޔާބޮޑު، ފައިދާ ތަނަވަސް، މޫވަރުގަދަ، އަބަދުވެސް މޭވާ އަޅާ ގައެއް ފަދަ އެއްޗެކެވެ. އެފަދަ ގަހެއް ހެއްދުމަށް، ރަނގަޅު ބިމަކަށް ބޭނުންވެއެވެ. މި ރަނގަޅު ބިމަކީ ﷲ އަށް އަޅުކަންކުރާ، ސާލިހު މުއުމިނާގެ ނަފްސެވެ. އެ ގަހުގެ ވެރިޔަކީ ރިވެތި ގޮތުގައި ﷲ ގެ ހަލްގު ތަކުންނާ މުއާމަލާތްކުރާ މީހާއެވެ. ދަރިންނަކީ އެފަދަ ބަޔަކަށް ހެދުން މުހިންމެވެ.
އަޅުގަނޑުމެންގެ ދަރިންނަކީ މިފަދަ ބަޔަަކަށް ހެދޭތޯ ބަލަމާ ހެއްޔެވެ. އެ ދަރިންގެ ހިއްތަތަކުގައި މިފަދަ ބިމެއް ތައްޔާރު ކުރެވޭނީ އާއިލާ އާއި މަދުރަސާ އާއި ވެށިން ރަނގަޅު ތަރުބިއްޔަތެއް ފޯރުކޮށްދީގެންނެވެ. މި ތިންވެށި ނުރަނގަޅު ބިމެއްފަދަ ތަނަކަށް ވެއްޖެނަމަ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ ގަހެއް ނުފަޅާނެއެވެ. އެމީހުންގެ ސަބަބުން މުޖުތަމައު އެއްބައިވަންތައެއް ނުކުރެވޭނެއެވެ. އެ މީހުންގެ ކިބައިން ގައުމަށް ރަނގަޅު ހިދުމަތެއްް ވެސް ނުލިބޭނެއެވެ.
އެހެން ކަމުން ދަރިންނަކީ މިފަދަ ބަޔަކަށް ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ބޭނުން ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް