ކްލިނިކަކަށް ހުއްދަ ދިން މައްސަލައެއްގައި ނަޝީދުގެ ތުހުމަތުތަކެއް ފައްޔާޒަށް!

ހުޅުމާލޭގައި ކްލިިނިކެއް ހިންގަން ހުއްދަ ދިނުމުގައި އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުފޫޒު ފޯރުވާފަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ. އިކ...

07 Mar 2021 | 06:57

ހުޅުމާލޭގައި ކްލިިނިކެއް ހިންގަން ހުއްދަ ދިނުމުގައި އިކޮޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުފޫޒު ފޯރުވާފަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓު ބުނާގޮތުން އެ ކްލިނިކަކީ ހުޅުމާލޭ "ހެލްތު އެންޑް ވެލްނަސް ސެންޓަރު" އެވެ. އެތަން ހިންގުމުގެ ހުއްދަ ދީފައިވަނީ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމްގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.

މި މައްސަލައިގަ ނަޝީދު ނުރުހުމުގެ ބަސްތައް ފައްޔާޒަށް ރައްދު ކުރެއްވީ އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕުގައި އެވެ. އެ ގްރޫޕުގައި ފައްޔާޒުވެސް އިންނަވަ އެވެ.

ނަޝީދު އެ ގްރޫޕުގައި ވިދާޅުވީ އެ ކްލިނިކް ހިންގަން ހުއްދަ ދިނީ އެކަމަށް ޝަރުތު ހަމަނުވާ ބަޔަކަށް ކަމަށާއި އެގޮތަށް އެކަންތައް ކުރީ ފައްޔާޒުގެ ނުފޫޒުން ކަމަށެވެ. ފައްޔާޒްގެ ނަން ލިޔުއްވުމަށް ފަހު އެމަނިކުފާނު ވިދާޅުވީ އެކަން އެގޮތަށް ދާން ދޫކުރައްވައިގެން ނުހުންނަވާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ ކުރިންވެސް އެގޮތަށް ވިދާޅުވެފަ ވާނެ ކަމަށެވެ. މިއީ ފައްޔާޒު މަގާމުގެ ނުފޫޒު ބޭނުން ކުރައްވާ ކަމުގެ ތުހުމަތު ނަޝީދު ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ.

މިނިސްޓަރު ފައްުޔާޒާ ދޭތެރޭ ހިތްހަމަޖެހިވަޑައިނުގެން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދަވަން ވެސް ނަޝީދު އަޑީގައި ހުންނަވައިގެން މީގެ ކުރިން މަސައްކަތް ކުރި އެވެ. އެކަމަކު އެފަހަރު އެ މައްސަލަ މަޖިލީހަށް ވައްދާ ވަރަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ތެރެއިން ސޮއި ލިބިފައެއް ނުވެ އެވެ.

އަދި އެ މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވެ އޭނާގެ ދިފާއުގައި ތެދުވެވަޑައިގެންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް