މިއަހަރުން ފެށިގެން އޯ ލެވެލް އިމްތިހާނު އޮންނާނީ ކޮންމެ އަހަރެއްގެ މެއި/ ޖޫން ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ދިރާސީ އަހަރު ފެށޭ މަހަށް ގެނައި ބަދަލާއި އެކު އޯ ލެވެލް އިމްތިހާނު ބާއްވާ މަހަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ކުރި އެކޭ އެއްގޮތަށް އޭލެވެލް އިމްތިހާނު އޮންނާނީ މެއި/ ޖޫންގައި ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މި ބަދަލާއި އެކު އޯލެވެލް ހަދާ ދަރިވަރުންނަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި އިމްތިހާނު ހަދަމުން އަންނަ އޮކްޓޯބަރު/ ނޮވެމްބަރުގައި އިމްތިހާނު ހަދައި ނަތީޖާ ލިބުމަށް ފަހު އޭލެވެލް ފެށުމާއި އެދޭތެރޭގައި ދަރިވަރުން ހަ މަހެއްހާ ދުވަސް ބޭކާރު ގޮތުގައި ދުއްވާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ރާއްޖޭގައި އޯލެވެލް އާއި އޭލެވެލްގައި ހަދާނީ އެޑެކްސެލްއިން ދޭ އިމްތިހާނު ކަމަށެވެ. އެކަމަކު ބައިނަލް އަގުވާމީ ފެންވަރުގެ އަމިއްލަ އިމްތިހާނެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެކަން ވާނެ ދުވަހެއް އަދި ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިއަހަރަކީ ފުރަތަމަ ފަހަރަށް އޯލެވެލް އިމްތިހާނު މެއި/ ޖޫންގައި ހަދާނެ އަހަރެވެ. އެއީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިހެން މިދިޔަ އަހަރުގެ ބޮޑު ބައި ސްކޫލްތައް ބަންދުކޮށްފައި ބާއްވަން ޖެހުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް