ދިރާސީ އަހަރު ފެށުން ކޮންމެ އަހަރެއްގެ އޮގަސްޓު މަހަށް ބަދަލުކޮށްފި

ދިރާސި އަހަރު ފެށުން ކޮންމެ އަހަރަކު އޯގަސްޓު މަހު ފަށާގޮތަށް ބަދަލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ބަދަލު ގެނެސްފައިވާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ...

07 Mar 2021 | 05:10

ދިރާސި އަހަރު ފެށުން ކޮންމެ އަހަރަކު އޯގަސްޓު މަހު ފަށާގޮތަށް ބަދަލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ބަދަލު ގެނެސްފައިވާ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. މި ގެނައި ބަދަލާއި އެކު ދެން ދިރާސީ އަހަރުގެ ބޮޑު ޗުއްޓިވާނީ މެއި/ ޖޫންގައި ކަމަށާއި އަދި ދެވަނަ ޓާމުގެ ބަންދު އަންނާނީ ޑިސެމްބަރު މަހުގެ ފަހު ދެ ހަފްތާގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮގަސްޓްގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. އަދި އެއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ މި ސަރުކާރު ބަދަލުވިއިރު ވެސް ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލު ގެނައުމަށް އެކި ފަރާތްތަކުން އޮތީ އެދިފަ އެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން އެކަން މިނިސްޓްރީގެ ސަމާލުުކަމަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޖާހިދު ވިދާޅުވީ ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުމުން، ގްރޭޑު އެކަކަށް ކުދިން ވެއްދުމުގައި އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު އަންނާނެ އެވެ. މުޖާހިދު ވިދާޅުވިގޮތުގައި، އަންނަ އަހަރު ސްކޫލަށް ކުދިން ވެއްދުމުގައި އުމުރު ކަނޑައެޅުމުގެ ތަފްސީލުތައް ވަރަށް އަވަހަށް ހާމަކުރާނެެ ކަމަށެވެ.

މި އަހަރަށް ހަމަޖައްސާފައިވާ އުސޫލުން ގްރޭޑު އެކަކަށް ވައްދާނީ ވޭތުވެދިޔަ ދެ އަހަރު ޕްރީ ސްކޫލު ނިންމައި، ނިމިގެން ދިޔަ އަހަރު ޔޫކޭޖީ ނުވަތަ އެ ފެންވަރުގެ ޕްރޮގްރާމެއް ފުރިހަމަކޮށް، އެ މަރުހަލާގައި ހާސިލް ކުރަންޖެހޭ މިންވަރަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ލިބިފައިވާ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނެވެ.

މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓް 10 ގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް