އެސްޓީއޯއިން ރާއްޖެއަށް އެތެރެކޮށްގެން ވިއްކާ މާސްކާއި ސެނެޓައިޒާ ވިއްކާނީ އެކަމަށް އެންމެ ބޭނުންވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮރޯނާ ވައިރަސްއަށް ރާއްޖޭގެ ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފަކު ޕޮސިޓިވް ވެފައިވާކަން ސަރުކާރުން އިއުލާން ކުރީ މިރޭ އެވެ. އެއާ އެކު ކޮރޯނާ ވައިރަސްގައި ރާއްޖޭގެ ހާލަތު ރީނދޫ ލެވެލް އަދި ކުރެއްދޫގެ ހާލަތު އޮރެންޖަށް ވަނީ ބަދަލުކޮށްފައި އެވެ.
އެކަމާ ގުޅިގެން އެސްޓިއޯ، ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ހާލަތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވިއްކޭނެ ވަރަށް އެސްޓީއޯގައި މާސްކު އެބަ ހުރި ކަމަށެވެ. އެކަމަކު މިވަގުތަކީ އެއްފަހަރާ ގަނޑުކޮށް މާސްކު ގަނެގެން ގެންގޮސް ގޭގައި ބަހައްޓަންވީ ވަގުތު ނޫންކަމަށެވެ.
އޭނާ ވިދާޅުވީ މާސްކާއި ސެނެޓައިޒާ ވިއްކާނީ އެކަމަށް އެންމެ ބޭނުން މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ބޮޑެތި ބަލިތައް ކަމަށްވާ ކެންސަރު ފަދަ ބަލިތަކާއި ގުޅިގެން ގަވައިދުން މާސްކު އަޅާ ފަރާތްތަކަށް ދަތި ކަމެއް ނެތި އެ ކުންފުނިން މާސްކު ލިބޭނެ ކަމަށެވެ.
ސެނެޓައިޒާ އާންމުކޮށް ބޭނުންވަނީ ސިއްހީ ދާއިރާ އަށާއި އިންސްޓިޓިއުޝަންތަކަށް ކަން ފާހަގަ ކުރައްވާ އަމްރު ވިދާޅުވީ މިވަގުތައް އާންމުންނަށް ސެނެޓައިޒާ ވިއްކުން ހުއްޓާލާފައިވާ ކަމަށެވެ. އޭގެ ބަދަލުގައި ސައިބޯނި ލައިގެން ގިނައިން އަތް ދޮވުން އާދަ ކުރުމުން ރައްކާތެރިކަން މާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ބޭސްވެސް އެބަހުރި ކަމަށާއި ރާއްޖެއަށް ބޭސް އެތެރެ ކުރުމުގައި ވައިރަސްއާއި ގުޅިގެން އެއްވެސް ދަތިކަމަކާއި އަދި ކުރިމަތި ނުވާ ކަމަށެވެ. އަދި އިންޑިއާއިން ބޭސް އެތެރެ ކުރުން ކޮންޓްރޯލް ކުރިޔަސް އެހެން ގައުމުތަކުން އަދި އެފަދަ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަން އަމްރު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް