ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެއްޖެ އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިރޭ ވިދާޅުވީ އެ ދެމީހުން މިވަގުތު ތިބީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި އެވެ. އަދި ކުރެއްދޫގެ ހާލަތު މިހާރު ވަނީ ހުދު ލެވެލް އިން އޮރެންޖު ލެވެލްއަށް ބަދަލުކޮށްފައި އެވެ.
އަދި ކޮރޯނާ ވައިރަސްގައި ރާއްޖޭގެ ހާލަތުވަނީ ރީނދޫ ލެވަލްއަށް ބަދަލުކޮށްފައި އެވެ.
ބައްޔަށް ޕޮސިޓިވް ވީ އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީންނެވެ. އަދި މިހާރު އެ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުންނާއި އެހެން ތަންތަނަށް ދަތުރުކޮށްފައިވާ އެންމެންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމުން އަަމަލު ކުރާނީ ޑަބްލިއުއެޗްއޯއިން އަމަލު ކުރަން ކަނޑައަޅާފައިވާ މިންގަނޑަށެވެ.
އެ ރިސޯޓަށް މީހުން އަރައި ފޭބުން ރޭންސުރެ ވަނީ މަނާކޮށްފައި އެވެ.
ހެލްތް މިނިސްޓްރީން ބުނީ މިވަގުތަށް އެމީހުންގެ ސިއްހީ ހާލަތު ސީރިއަސް ނޫން ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއީ އަދި ރައްޔިތުން ހާއްސަކަމުގެ ތެރެއަށް ވެއްޓެން ޖެހޭ ވަގުތު ނޫންކަމަށެވެ. ސަރުކާރުން އޮތީ މިހާލަތަށް ތައްޔާރުވެފައި ކަމަށާއި އެންމެ ގުޅިގެން ކޮރޮނާ ވައިރަސްއާ ދެކޮޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް