ކޮވިޑް-19: ބަލީގެ ނުރައްކަލަށް ޖޭޕީގެ ކެމްޕެއިން ފަށާ ޖަލްސާ ފަސްކޮށްފި

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޖުމްހޫރީ ޕާޓީން ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި އެވެ. ޖޭޕީން ހ...

07 Mar 2020 | 11:05

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޖުމްހޫރީ ޕާޓީން ބާއްވަން ހަމަޖެއްސި ޖަލްސާ ފަސްކޮށްފި އެވެ.

ޖޭޕީން ހަމަޖައްސާފައި އޮތީ އެ ޖަލްސާ އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާށެވެ. މި ޖަލްސާއަށް އެމްއާރުއެމްއަށާއި އަދާލަތު ޕާޓީއަށްވެސް އޮތީ ދައުވަތު ދީފަ އެވެ.

އެޕާޓީން ނެރުނު ބަޔާނެެއްގައި ބުނެފައިވަނީ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ނިންމީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އެގޮތަށް ގާސިމް ނިންމެވީ އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާ އަކަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

ޖޭޕީން ބުނީ، ބައެއް ޓޫރިސްޓުން ރާއްޖެ އިން ފުރައިގެން ދާ ފަހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން، އެ ވައިރަހުގެ އަސަރު ދިވެހިންނަށް ވެސް ފޯރަފާނެ ކަމުގެ ބިރު އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ އޭގެ ޒާތުގައި ރައްކާތެރި ކަމެއް ކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

އެޕާޓީގެ ބަޔާނުގައި ބުނެފައިވަނީ މިހާރު އޮތް ހާލަތު ބަދަލުވުމުން އެ ޖަލްސާ ބާއްވާތަނާއި ދުވަސް އިއުލާނު ކުރާނެ ކަމަށެވެ.

ޖޭޕީގެ އިތުރުން ޕީޕީއެމްއިން ވަނީ ކޮރޮނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވުމުން ކެމްޕެއިން ހުއްޓާލާފައި އެވެ. އެކަމަކު ވެރިކަން ކުރާ އެމްޑީޕީއަކުން ކެމްޕެއިން ހުއްޓާލިކަން އިއުލާނެއް ނުކުރެ އެވެ.

ސަރުކާރުން ރޭ ބުނީ ކޮރޯނާ ވައިރަސްގެ ކޭސްއެއް ރާއްޖެއިން ފެނިފައި ނުވާތީ އިންތިހާބު ފަސް ކުރަންޖެހޭ ފަދަ ހާލަތަކަށް ރާއްޖެ ނުދާކަމަށެވެ. އެކަމަކު ކޭސްއެއް ފެނިއްޖެ ނަމަ އެ ހާލަތު ބަދަލުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް