ދޮރުން ދޮރަށް ނުހިނގާ ސޯޝަލް މީޑިއާގައި ކެމްޕެއިންކޮށް ނިންމާލާ: ރީކޯ މޫސަ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ދޮރުން ދޮރަށް ނުހިނގާ ސޯޝަލް މީޑިއާގައި ކެމްޕެއިން ކޮށް ނިންމާލުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ. ކައުންސިލް އިންތިހ...

07 Mar 2020 | 10:21

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިނަށް ދޮރުން ދޮރަށް ނުހިނގާ ސޯޝަލް މީޑިއާގައި ކެމްޕެއިން ކޮށް ނިންމާލުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ފޯރި ގަދަވަމުން ދާއިރު ވެރިކަން ކުރާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއިން ގެންދަނީ މުޅި ރާއްޖޭގައި ވަރުގަދައަށް ކެމްޕެއިން ކުރަމުންނެވެ. ދެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންވެސް އަތޮޅުތެރޭގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު ޕީޕީއެމްއިން މިއަދު ވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން އަތޮޅު ތެރޭގެ ކެމްޕެއިން ދަތުރުތައް ހުއްޓާލަން ނިންމާފަ އެވެ.

މޫސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިޒަމާނަކީ ސޯޝަލް މީޑިއާގައި ހުރިހާ ކަމެއް ކުރެވޭ ޒަމާން ކަމަށެވެ. އެހެންވީމަ އިންޓަނެޓް މެދުވެރިކޮށް މިފަހަރު ކެމްޕެއިންކޮށް ނިންމާލުން ކިހިނެތްވާނެތޯ މޫސަ ސުވާލު ކުރައްވާފައިވެ އެވެ.

އޭނާ ވިދާޅުވީ ދޮރުން ދޮރަށް ހިނގުމުގެ ނަމުގައި ކޮންމެ ގެއަކަށް ވަދެ ތިބެ ކިނބިހި އަޅާ ކެއްސާ ހަދާއިރު މި ދުވަސްވަރު އެކަންކަން ކަމަށް ވިސްނާލުން ރަނގަޅު ކަމަށެވެ. މޫސަ އިޝާރާތް ކުރައްވާފައި އެވަނީ މިދުވަސްވަރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށެވެ.

https://twitter.com/ReekoMoosa/status/1236164304375705601

ޕީޕީއެމްއިން މިއަދު ބުނީ އެ ޕާޓީން ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ހުއްޓާލަން ނިންމީ ރައްޔިތުންގެ ރައްކާތެރިކަން އިސްކުރުމަށް ކަމަށެވެ.

އެޗްޕީއޭއިންވެސް ވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެރިކަން ކުރާ އެމްޑީޕީން އަދިވެސް ދަނީ ފޯރިއާއި އެކު ކެމްޕެއިން ކުރަމުންނެވެ. އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކޮރޮނާ ވައިރަސް ނާންނާނެ ކަމަށް ހީކޮށްގެން ތިބުމަކީ ކުށްހީއެއް ކަމަށާއި ދުނިޔޭގައި އުޅޭ ބައްޔެއް ވިއްޔާ ރާއްޖެ އަންނާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް