ކޮވިޑް-19: އުމްރާ ވުން ވަގުތީ ގޮތުން ހުއްޓާލުން އިސްލާމީ ޝަރީއާ ހުއްދަ ކުރޭ: ހަރަމްފުޅުގެ އިމާމް

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ ބަލީގެ ބިރަށް އުމްރާ ވުން ވަގުތީގޮތުން މަނާ ކުރުމުން ބައެއް ފަރާތްތަކުން ސައުދީ ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކަށް މަސްޖިދުލް ހަރަމް ނުވަތަ ހަރަމްފުޅުގެ އ...

07 Mar 2020 | 08:24

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެ ބަލީގެ ބިރަށް އުމްރާ ވުން ވަގުތީގޮތުން މަނާ ކުރުމުން ބައެއް ފަރާތްތަކުން ސައުދީ ސަރުކާރަށް ކިޔަމުންދާ ފާޑުކިޔުންތަކަށް މަސްޖިދުލް ހަރަމް ނުވަތަ ހަރަމްފުޅުގެ އިމާމް ޑރ. އަބްދުﷲ އަލް ޖިހާނީ ޖަވާބު ދެއްވައިފި އެވެ.

އިއްޔެ ހަރަމްފުޅުގައި އިއްވި ހުކުރު ހުތުބާއި އިމާމް ޖިހާނީ ވިދާޅުވީ ނުރައްކާތެރި ބައްޔެއް ގައުމެއްގައި ފެތުރޭނަމަ އިންސާނުންގެ ރައްކާތެރިކަމަށް އިސްކަން ދީފައިވާކަން ކީރިތި ރަސޫލާ (ސއވ)ގެ ހަދީސުން ސާބިތުވާ ކަމަށެވެ. އަދި ދީނީ އިލްމުވެރިންގެ ފަރާތުން ވާރިދުވެފައިވަނީ އުމްރާވުން މަނާ ކުރުން ފަދަ ނިންމުންތައް ނިންމުމުގެ ބާރު ވެރިންނަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އިއްޔެގެ ހުތުބާގައި ތާރީހުން މިސާލު ދައްކަވަމުން އިމާމް ވިދާޅުވީ އުމަރު ބިން ހައްތާބްގެ ހަލީފާ ކަމުގައި ޝާމްއަށް ކުރެއްވި ދަތުރުފުޅެއްގައި ދަތުރުމަތިން މުސްލިމުންގެ ހަނގުރާމައިގެ ލަޝްކަރުގެ ކޮމާންޑަރު އަބޫ އުބައިދާ ބިން ޖައްރާހު އާއި ބައްދަލުވެވަޑައިގެން ކަމަށެވެ. އަދި ގިނަ އަދަދެއްގެ އަސްހާބުބޭކަލުން އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ދަތުރުފުޅުގައި ޝާމްއަށް ވަޑައިނުގެންނެވިގެން އުޅެނިކޮށް މައުލޫމާތު ލިބިވަޑައިގެންނެވީ ނުރައްކާތެރި ބަލިމަޑުކަމެއް އެ ތަނުގައި އޮތް ކަމަށާއި އެ ރަށަށް ވަޑައިގެންނެވުން ރައްކާތެރި ނޫން ކަމަށެވެ. އެހެންވެ އުމަރުގެފާނު ނިންމެނީ އެ ލަޝްކަރުގައި ހިމެނޭ ސަހާބީންގެ ތެރެއިން އެންމެ ދުވަސްވީ ބޭފުޅަކު އެކަމާ ބެހޭގޮތުން ވިދާޅުވާ އެއްޗެއް އަޑު އައްސަވާށެވެ.

އެވަގުތު އެ ލަޝްކަރުގައި ހުންނެވި ސަހާބީއެއް ކަމަށްވާ އަބްދުއްރަހްމާން ބިން އައުފް ވިދާޅުވީ ރަށެއްގައި ނުރައްކާތެރި ބަލިމަޑު ކަމެއް އުޅޭނަމަ އެ ރަށަކަށް ނުދާށެވެ. އަދި ބަލިމަޑުކަން ފެތުރިފައިވާ ރަށެއްގައި ތިބި މީހުން އެ ތަނަކުން ބޭރަށް ނުދަން ރަސޫލާ ހަދީސް ކުރެއްވި އަޑު އެއްސެވި ކަމަށެވެ.

އެ ސަހާބީގެ އިރުޝާދާއި އެއްގޮތަށް އެ ދަތުރުފުޅުގައި އުމަރުގެފާނު ޝާމަށް ވަޑައިގެންފައެއް ނުވެ އެވެ.

އެހެންކަމުން އިންސާނުންގެ ރައްކާތެރިކަމަށް ގިނަ ބަޔަކު އެއްވެ އުޅޭތަނެއް ބަންދު ކުރުމުގައި ޝަރީއާ ހުއްދަ ނޫން ކަމެއް ސައުދީ ސަރުކާރުން ކޮށްފައި ނުވާ ކަމަށް އިމާމް ވިދާޅުވި އެވެ.

ހަރަމްފުޅު ބަންދުކޮށް ސެނެޓައިޒް ކުރުމުގެ މަސައްކަތް ސައުދީ ސަރުކާރުން ވަނީ ކޮށްފައި އެވެ. އުމްރާވުން ވަގުތީ ގޮތުން ހުއްޓާލީ ގައުބަތުﷲ ގެފުޅާއި މާތްވެގެންވާ މިސްކިތްތަކުގެ ރައްކާތެރިކަމާއި ސަލާމަތަށް ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ސައުދީ ސަރުކާރުން ވަނީ މަސްޖިދުލް ހަރަމް އަށް ނަމާދު ކުރަން ވަންނަ އިރު އިހުރާމް ހެދުމުގައި ތިބުންވެސް މަނާކޮށްފައި އެވެ.

މިހާތަނަށް ސައުދީ އަރަބިއްޔާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ފަސް މީހަކު ވަނީ ފެނިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް