ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާއިވާ ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރުވަމުން ދާނީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އިދިކޮޅު ޕީޕީއެމްއިން އަތޮޅު ތެރޭގައި ކުރިޔަށް ގެންދިޔަ ކެމްޕެއިން މެދުކަނޑާލައިފި އެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިން ކުރުމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ގެންދަނީ ފޯރިއާއި އެކު އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި ކެމްޕެއިން ކުރަމުންނެވެ. އެގޮތުން ޅ. ކުރެންދޫ، ނައިފަރު އަދި ރ. މަޑުއްވަރީ އާއި ދުވާފަރު ފަދަ ރަށްރަށުގައި ގިނަ ސަޕޯޓަރުންތަކެއް ބައިވެރިވި ޖަލްސާތަކެއް ވަނީ ބާއްވާފަ އެވެ.
ޕީޕީއެމް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް އެ ޕާޓިން ގޮވާލާ ކަމަށެވެ. އަދި ސަރުކާރުން ހާމަކަން ބޮޑުގޮތެއްގައި ބަލީގެ ހާލަތު ރައްޔިތުންނާއި ހިއްސާ ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ބަލީގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާތީ އަތޮޅު ތެރޭގައި ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ކުރުކޮށްލުމަށް ފަހު އެނބުރި ޓީމްތައް މާލެ އައުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ދިމާވާނެ ދަތިތަކާއި ގެއްލުން ބޮޑުވާނެތީ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އީސީން ބުނީ އިންތިހާބު ފަސް ކޮށްދިނުމަށް އެއްވެސް ފަރާތަކުން އެ ކޮމިޝަނުގައި އެދިފައި ނުވާ ކަމަށެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސް ކުރަންޖެހޭ ހާލަތަކަށް ގޮސްފައިވާކަމަށް ސަރުކާރުން އަދި ނ ނުދެކޭ ކަމަށެވެ. އެކަމަކު ކޮރޯނާ ވައިރަސްގެ ކޭސްއެއް ރާއްޖެއިން ފެނި މިހާރު މިއޮތް ލެވެލް ވައިޓް ނުވަތަ އެކަކުން ރީނދޫ ލެވެލްއަށް ބަދަލު ވެއްޖެ ނަމަ ސަރުކާރުގެ އެ ވިސްނުން ބަދަލު ކުރަން ޖެހިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް