ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު ބްރޫނާއީ ދާރުއްސަލާމަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މިނިސްޓަރު އޮފް ފޮރިން އެފެއާޒް 2 ދާތޯ ސެރީ ސެތިއާ ހާޖީ އެރިވަން ބިން ޕެހިން ދާތޫ ޕެކަރްމާ ޖާޔާ ހާޖީ މުހައްމަދު ޔޫސުފް އާއި މިއަދު ހެނދުނު ބައްދަލު ކުރައްވައިފިއެވެ.
ބަންދަރްސެރީ ބެގަވާންގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުންނާއި ދެގައުމުގެ ހާރިޖިއްޔާގެ މެދުގައި ގުޅުން ހަރުދަނާކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ދެއްވާ ސްކޮލާޝިޕްތަކަށް ޝުކުރު އަދާކުރައްވައި، އިތުރު ސްކޮލާޝިޕްގެ ފުރުސަތުތައް ދިވެހި ދަރިވަރުންނަށް ހޯދުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތައުލީމުގެ ފުރުސަތުތައް ހޯދައިދެއްވުމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށް ވިދާޅުވެ، އިޖްތިމާޢީ ތަރައްޤީއަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ބްރޫނާއީގެ ވަޒީރާ މިނިސްޓަރު ޝާހިދު ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ކާބޯތަކެތި ހަލާލް ސެޓްފިކެޓަށް ޓެސްޓްކުރުމަށް ހާއްސަ ލެބޯޓްރީއެށް ގާއިމްކުރުމަށް ބްރޫނާއީގެ އެހީތެރިކަމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް