ކޮވިޑް-19: އިތުރު ރަށެއްގައި 30 މީހުންގެ ޖާގައިގެ ކަރަންޓިން ފެސިލިޓީއެއް ހަދައިފި

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޮނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރު ކުރުމުގެ ގޮތުން އިތުރު ރަށެއްގައި ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފި...

07 Mar 2020 | 06:48

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޮނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތައް އިތުރު ކުރުމުގެ ގޮތުން އިތުރު ރަށެއްގައި ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިތުރު30 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ކ. އަތޮޅުގައި ކުރިން ރިސޯޓު ހިންގި ވިލިވަރުގައި ގާއިމްކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ރަށުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީގައި ފަރުވާދޭން ޖެހޭ މީހުންނަށް ލިބެންޖެހޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ރިސޯޓު ބަންދު ކުރީ2004 ވަނަ އަހަރުގެ ސުނާމީ ހާދިސާގައި ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެންނެވެ.

އެ ރަށާއި އެކު ޖުމްލަ ފަސް ކަރަންޓީން ފެސިލިޓީ މިހާރު ހުރީ ތައްޔާރީ ހާލަތުގައި އެވެ. އެއީ ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީ އާއި އެސްޓީއޯ ތެޔޮ ރައްކާކުރާ ކ. ފުނަދޫގައި ގާއިމް ކޮށްފައިވާ ފެސިލިޓީ އަދި ކ. އާރަށުގައި ތައްޔާރުކޮށްފައިވާ ކަރަންޓިން ފެސިލިޓީގެ އިތުރުން އެ ބަލީގައި ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ11 ވަނަ ފަންގިފިލާގައި ގާއިމްކޮށްފައިވ ހަތަރު އެނދުގެ އައިސީޔޫ އެވެ.

އަލީ ވަހީދު ވިދާޅުވީ އެތަންތަނުގެ އިތުރުން ކޮރޯނާ ވައިރަސް ރާއްޖެ އައިސް އަތޮޅު ތެރޭގައި ބަލި ފެތުރެން ފަށައިފި ނަމަ ކޮންމެ އަތޮޅެއްގައި މީހުންް ކަރަންޓީން ކުރާނެ ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ. އެފަދަ ހާލަތެއް މެދުވެރިވުމުން އެ ރަށްތަކުގެ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ޓެސްޓު ހަދަން ޖެހޭ ހުރިހާ އެންމެން ކަރަންޓީން ކުރަން ފަރުކޮޅުފުއްޓަށް ނުވަތަ މާލެ ސަރަހައްދުގައި ހުރި ކަރަންޓީން ފެސިލިޓީތަަކަށް ގެންނަނީ އެ ބަލި ރާއްޖެއިން ފެނިފައި ނުވާތީ ސިއްހީ ފަރުވާ ދޭ މީހުންނަށްވެސް ބަލީގެ ހާލަތު ދެނެގަންނަންް ފެށުމުގެ ގޮތުން ކަމަށެވެ.

މިވަގުތު ރާއްޖޭގެ ތިން ރަށެއް އޮތީ ވަގުތީ ގޮތުން ކަރަންޓީން ކޮށްފައި އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ވ. ތިނަދޫ އަދި ސަމާ އައިލެންޑް ރިސޯޓެވެ. މި ރިސޯޓުތަކާއި މެދު ވަކި ގޮތެއް ނިންމާނީ އެ ތަންތަނުން ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީން ކުރި މީހުން ކޮރޯނާ ވައިރަސްއަށް ޓެސްޓުކޮށް ނަތީޖާ ލިބުމުންނެވެ.

މިވަގުތު އެމީހުން ތިބީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި އެވެ. މިއަދު ކަރަންޓީން ކުރި ދެމީހުންނާއި އެކު ޖުމްލަ އަށް މީހަކު އެތަނުގައި ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް