ކޮވިޑް-19: އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ނުރައްކާތެރި ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ...

06 Mar 2020 | 19:34

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ނުރައްކާތެރި ކޮރޯނާ ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުންދާ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިޓަލީ މަގުން ރާއްޖެ އަންނަ މީހުން އެތެރެވުން މަނާ ވާނީ މާދަމާ ރޭ މެންދަމު 12:00 ން ފެށިގެން ކަމަށެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި އިޓަލީ ފަތުރުވެރިންގެ ތެރެއިން އޭގެ ފަހުން ފުރާ ފަތުރުވެރިންނާ ދޭތެރޭ އަމަލު ކުރަންޖެހޭ އުސޫލުން ސަރުކާރުން އަމަލު ކުރާނެ ކަމަށެވެ.

މި ނިންމުމާއި އެކު އިޓަލީން ރާއްޖެއަށް އަންނަ ސީދާު ފްލައިޓުތަކާއި އިޓަލީއަށް ޓްރާންސިޓްވާ ފްލައިޓުތަކުން އަންނަ މީހުންނަކަށް ރާއްޖެ އެތެރެ އެއް ނުވެވޭނެ އެވެ. އިޓަލީގެ އިތުރުން ވައިރަސް އާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކާއި ޓްރާންސިޓް ދަތުރުތައް ވަނީ މެދުކަނޑާލާފައި އެވެ.

އިޓަލީން ރާއްޖެ އަންނަ މީހުން އެތެރެވުން މަނާކޮށްފައި މިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އިޓަލީ ފަތުރުވެރިން ތަކެއްގެ ފަރާތުން ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނި ފައިވަނިކޮށެވެ. އަދި ރާއްޖެއިން ދިޔަ ފަތުރުވެރިއަކު ވައިރަސްއަށް ޕޮސިޓިވް ވެފައިވަނިކޮށެވެ.

އޭޝިޔާގެ ގައުމުތައް ފިޔަވާ އެންމެ ހަލުވިކަމާއި އެކު ކޮރޯނާ ވައިރަސް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީއަށް ވިޔަސް އެ ގައުމުން މީހުން ރާއްޖެ އައުން މަނާ ކުރުން ލަސް ނޫންކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮންމެ ގައުމަކާއި މެދު ފިޔަވަޅު އަޅަނީ ހާލަތު ވަޒަން ކުރުމަށް ފަހު ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތްތާވެސް އިގްތިސޯދަށް ބެލުމެއް ނެތި އާންމުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އިޓަލީގައި މިހާތަނަށް ކޮރޮނާ ވައިރަސް ޖެހިގެން148 މީހަކު މަރުވެފައިވެ އެވެ. އަދި އެ ވައިރަސް އެ ގައުމުގެ22 ސަރަހައްދަކަށް ވަނީ ފެތުރިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޓަލީގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ހަތަރު ހާހަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް