އައްޑޫ ސިޓީގައި ދެ ކްލަސްޓާއެއް، ޖުމްލަ ޕޮސިޓިވް އަދަދު 40 އަށް

އައްޑޫ ސިޓީގައި ކޯވިޑްގެ ދެ ކްލަސްޓައެއް އުފެދި ޕޮސިޓިވް މީހުންގެ އަދަދު 40 އަށް އަރައިފި އެވެ. އައްޑޫ ސިޓީގައި އުފެދުނު ފުރަތަމަ ކްލަސްޓާ އަކީ ހުޅުމީދޫ އެމްޓީސީސީ ބިދޭސީ މުވައްޒަފުންތަކެއް ދިރިއުޅޭ ސ...

07 Feb 2021 | 17:53

އައްޑޫ ސިޓީގައި ކޯވިޑްގެ ދެ ކްލަސްޓައެއް އުފެދި ޕޮސިޓިވް މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.

އައްޑޫ ސިޓީގައި އުފެދުނު ފުރަތަމަ ކްލަސްޓާ އަކީ ހުޅުމީދޫ އެމްޓީސީސީ ބިދޭސީ މުވައްޒަފުންތަކެއް ދިރިއުޅޭ ސައިޓެއްގައި އުފެދުނު ކްލަސްޓާ އެކެވެ. ދެވަނަ ކްލަސްޓާ އުފެދިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި އެވެ.

އެޗްއީއޯސީން ބުނީ މީގެ ތެރެއިން ހުޅުމީދޫ ކްލަސްޓާއިން މިހާތަނަށް 25 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހުންނާއި ގުޅުންހުރި އިތުރު 50 މީހުން އެ ސައިޓުން ދެނެގަނެވިފައި ވާތީ ކަރަންޓީން ކޮށްފައިވާ ކަމަށެވެ.

އެޗްއީއޯސީން ބުނީ އެ އެންމެންނަކީ ބަލީގެ އަލާމާތްތައް ހުރި މީހުން ކަމަށެވެ.

ހިތަދޫ ކްލަސްޓާއިން މިހާތަނަށް ޕޮސިޓިވްވި މީހުންގެ އަދަދު 15 އަށް އަރާފައި އެވެ. އެޗްއީއޯސީން ބުނީ މި ކްލަސްޓާ އާއި ގުޅުން ހުރި އެންމެން ހެން ތިބީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ.

އެ ކްލަސްޓާ އާއި ގުޅުން ހުރި ކަމަށް ބެލެވިގެން ގދ. ތިނަދޫއިން ޓެސްޓު ކުރި އިރު ޕޮސިޓިވްވި މީހާގެ އިތުރުން އެހެން އަތޮޅަކުން މި ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ދެނެގަނެވިފައި ނުވާ ކަމަށެވެ. ތިނަދޫ މީހާ ޕޮސިޓިވްވުމުން އެ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ހިތަދޫ ކްލަސްޓާ އާއި ގުޅުން ހުރި ހުރިހާ އެންމެން މިހާތަނަށް ދެނެގަނެވިފައި ނުވާތީ އެޗްއީއޯސީން ވަނީ ޕޮސިޓިވްވި މީހަކާއި ބައްދަލުވެފައިވާނަމަ އައްޑޫ ޓާސްކް ފޯސްއަށް ވީހާވެސް އަވަހަކަށް އަންގަން އެދިފައި އެވެ.

މީގެ އިތުރުން މި ކްލަސްޓާތަކާއި ގުޅިގެން އެ ސިޓީގެ އާންމު ދަތުރުފަތުރުގެ ނިޒާމު ހުއްޓުމަކަށް ވަނީ އައިސްފައެވެ. އެހެންވެ އެޗްއީއޯސީން ވަނީ އާންމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް