އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އަށް ފުލުހުން ތިން ތުހުމަތެއް ކޮށްފި އެވެ.
މިއަދު ފުލުހުން ވަނީ އެ ތުހުމަތުތަކާއި ގުޅިގެން އަދުރޭ ވަނީ މިއަދު ފުލުހުންގެ އިދާރާއަށް ބަޔާން ނަގަށް ހާޒިރުކޮށްފައި އެވެ. އޭނާގެ މައްޗަށް އެ ތުހުމަތުތައް ކޮށްފައި ވަނީ މިދިޔަ މަހުގެ27 ވަނަ ދުވަހު ދަރުބާރުގެ ހިމެނޭ ސަރަހައްދުގައި މުޒާހަރާކުރި މައްސަލައިގަ އެވެ.
އެ ދުވަހު އަދުރޭ ފުލުހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ އަނެއް ދުވަހު ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އެ ދުވަހުގެ މުޒަހާރާ އާއި ގުޅިގެން ފުލުހުން އަދުރޭގެ މައްޗަށް ކުރަނީ ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އިން ކަމަށް ބުނެ އެވެ. ދެން ތުހުމަތު ކުރަނީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަތްކަމުގެ ތުހުމަތާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ތުހުމަތެވެ.
މި ތުހުމަތުތައް އަދުރޭ ވަނީ ދޮގު ކުރައްވާފައި އެވެ. އަދުރޭ ވިދާޅުވީ އެ ދުވަހު ދަރުބާރުގޭ ސަރަހައްދަށް ދިޔައީ ވެކްސިނާއި ގުޅޭ މައުލޫމާތު އެޗްޕީއޭ މެދުވެރިކޮށް ހޯދަން ކަމަށެވެ.
އަދުރޭއަށް ފުލުހުން ތިން ތުހުމަތެއް ކުރާއިރު މިހާރުވެސް އޭނާ އާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި މައްސަލައެއް އެބަހިނގައެވެ. އެއީ ހުތުބަހުން ވާހަކަދެއްކި ކަމަށް ބުނެ އޭނާ އައި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް