އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު ފަސް މީހުން ޕޮސިޓިވް ވެއްޖެ އެވެ.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގު މީޑިއާގައި ވިދާޅުވީ އިތުރަށް ޕޮސިޓިވްވި ފަސް މީހުންނަކީ ފޭދޫއިން ޕޮސިޓިވްވި މީހުން ކަމަށެވެ. އަދި މި އެންމެންނަކީ ދިވެހިން ކަމަށް ވިދާޅުވި އެވެ.
އެ ކްލަސްޓައިން ޕޮސިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރާފައި އެވެ.
އޭގެ ތެެރެއިން 11 މީހުން ޕޮސިޓިވްވެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންނެވެ. އަނެއް މީހާ ޕޮސިޓިވްވެފައިވަނީ ގދ. ތިނަދޫއިންނެވެ.
ޕޮސިޓިވްވި އެންމެންނަކީ އައްޑޫ ސިޓީގައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބޭއްވި ޓްރެއިނިންއެއްގައި ބައިވެރިވި މީހުން ކަމަށްވެ އެވެ. އަދި އެ ޓްރެއިނިންގައި ކިޔަވައިދިނީ މާލެއިން ގޮސްތިބި އޭވިއޭޝަން ކޮމާންޑުގެ އޮފިސަރުންތަކެކެވެ.
އެހެންވެ އައްޑޫ އާންމުން ވަނީ އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި އެވެ. މި ވާހަކަތަކާއި ގުޅިގެން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބުނީ އެ ޓްރެއިނިންގައި ކިޔަވައިދޭން ދިޔަ އޮފިސަރުން އައްޑޫ ސިޓީއަށް ދިޔައީ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރު ޓެސްޓުގެ ނެގެޓިވް ނަތީޖާ ހުށަހަޅައިގެން އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ކަމަށެވެ.
މި ކޭސްއާއި ގުޅިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށެއްގެ މޮނިޓަރިންއަށް ލާފައިވާއިރު ވަކިން އޮންނަ ހުޅުމީދޫގައި ވަކި ކްލަސްޓާއެއް އުފެދިފައިވާތީ އެ އަވަށްވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް