ސްޓެލްކޯ އެކީއެކަށް އައިއެސްއޯ 9001:2015 މިންގަނޑަށް!

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފި އެވެ. އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރު...

07 Feb 2021 | 14:14

އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، 9001:2015 ސަރޓިފިކޭޝަން ސްޓެލްކޯއިން ހާސިލްކޮށްފި އެވެ. އައިއެސްއޯ މިންގަނޑުތަކަކީ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ، ރަނގަޅު އަދި އެއްފެންވަރެއްގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑުތަކެކެވެ.

އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައިކޮށްދެނީ އެ ކުންފުންޏަކީ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގައި ފުރިހަމަވާންޖެހޭ ހުރިހާ މިންގަނޑަކަށް ތަބާވެ، އެ މިންގަނޑުތަކަށް އަމަލު ކުރަމުންދާކަން ޔަގީންކޮށްދެވޭ ކުންފުންޏަކަށް ވުމުންނެވެ. މިކުންފުނީގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ދަށުން ކަރަންޓު އުފެއްދުމާއި، ކަރަންޓު ފޯރުކޮށްދިނުމުގެ ހިދުމަތާއި، ކަރަންޓުގެ ހިދުމަތް ދިނުމަށް ހިންގާ ޕްރޮޖެކްޓްތަކާއި، ފެން އުފެއްދުމާއި، ފުޅީގައި ފެން ބަންދުކުރުމާއި، ނަރުދަމާއާއި، ސްޓެލްކޯ ސޭލްސް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާއި، ސޯލާ ޕެނަލް ހަރުކުރުމާއި، ވިއްކުން ވަނީ އައިއެސްއޯގެ 9001:2015 މިންގަނޑަށް ސަރޓިފައިކޮށްދީފަ އެވެ. މިއާއެކު، މިކުންފުންޏަށް މިވަނީ މި ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން މުޅި ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކާއި، ޕްރޮސެސްތައް އަދި ހިދުމަތްތައް ސަރޓިފައިވި ފުރަތަމަ ދިވެހި ކުންފުނީގެ ޝަރަފު ލިބިގެންގޮސްފަ އެވެ. މި ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިކޮށްދީފައިވަނީ އިނގިރޭސިވިލާތުގެ އައިއެސްއޯ ކުއަލިޓީ ސާވިސަސް ލިމިޓެޑުންނެވެ. މި ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސްޓޭންޑެޑްކަން ފާހަގަކޮށްލެވެއެވެ.

އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސްޓެލްކޯ ސަރޓިފައިވުމާއި ގުޅިގެން މެނޭޖިންގ ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ކުންފުނީގެ ހިންގުމުގެ ފެންވަރު އައިއެސްއޯ ސްޓޭންޑެޑަށް ގެނެވުމަކީ ހާސިލް ކުރެވުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، އެކަމުން ދޭހަވަނީ ސްޓެލްކޯގެ ހިންގުން ހަރުދަނާކުރެވި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރަށް ގެންދެވިފައިވުން ކަމަށެވެ. އަދި މި ފެންވަރަށް ކުންފުނި ގެންދެވިފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށާއި، އެ މަސައްކަތްތައް ފާހަގަކޮށް ކުންފުނީގެ އެންމެހާ ހީވާގި މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މިއަށްވުރެވެސް ފުރިހަމަކޮށް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުންގެންދަވާނެ ކަމުގެ ޔަގީންކަންވެސް މުޣުނީ ވަނީ ދެއްވާފަ އެވެ.

"ވަރަށް ބޮޑު ކާމިޔާބީއެއް އަޅުގަނޑުމެން މި ހޯދީ. ހާއްސަކޮށް، މުޅި ކުންފުނީގެ ހުރިހާކަމެއް، ކުންފުނީގެ އެތެރޭގައި ގެންގުޅޭ އުސޫލުތަކާއި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި މިނޫނަސް މުޅި ކުންފުނި އެކީ އެކައްޗަކަށް މުޅި ދުނިޔެ ބަލައިގަންނަ ބައިނަލްއަގުވާމީ ސްޓެންޑެޑަކަށް ގެންދެވުމަކީ އަޅުގަނޑުމެން އެންމެން ފަހުރުވެރިވާންޖެހޭ ވަރުގެ ބޮޑު ކާމިޔާބީއެއް" މުޣުނީ ވިދާޅުވި އެވެ.

މިކުންފުނި އައިއެސްއޯ ސްޓެންޑެޑަށް ސަރޓިފައި ކުރެވިފައިވާއިރު، މިކުންފުނިން ވަނީ ފާއިތުވެދިޔަ ދެއަހަރުތެރޭ ފާހަގަކޮށްލެވޭ ގިނަ އެވޯޑްތަކެއްވެސް ހޯދާފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ސީޖީ އެފޯޓްސް އެވޯޑާއި، ޕަބްލިކް އެންޓަޕްރައިޒް އޮފް ދި އިޔަރގެ އެވޯޑް ލިބިފައިވާއިރު، 2020 ވަނަ އަހަރު ބައިނަލް އަގުވާމީ ދެ އެވޯޑް ކަމަށްވާ، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ ޑުރީމް ކޮމްޕެނީސް ޓު ވޯކްފޯ އާއި، ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްވެސް މިކުންފުންޏަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީއަށްވެސް ވަނީ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އެމާރޖިންގ ލީޑާރ އޮފް ދި އިޔަރ އެވޯޑް ލިބިވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް