ހުޅުމާލޭގައި ސަލާހުއްދީން ސްކޫލްގެ ނަމުގައި އާ ސްކޫލެއް އިމާރާތް ކުރަން އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަމީން ކޮންސްޓްރަކްޝަންގެ ފަރާޓުން ސޮއި ކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މާޗް ފަހުކޮޅަށް މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާ ކުރެ އެވެ.
މިއީ 2019 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 118.3 މިލިއަން ރުފިޔާ އަށެވެ.
މި ސްކޫލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެވެ. ދެވަނަ ފިޔަވަހީގައި ދެ ސްކޫލް އިމާރާތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
އަނެއް ސްކޫލް އަޅަން އަދި ބަޔަކާއި ހަވާލެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް