އެއްގަމު ދަތުރު ފަތުރުގައި ބޭނުންކުރާ އުޅަނދުތަކުގައި އުފުލޭ މީހުންގެ އަދަދުތައް ކަނޑައަޅާފައިވީނަމަވެސް، އެއަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދުއްވާތަން ފެންނަމުން ދާކަމަށް ފުލުހުން ބުނެއެވެ.
ވަކިން ހާއްސަކޮށް ސައިކަލްތަކުގައި ދެ މީހުންނަށް ވުރެ އިތުރަށް އަރުވައިގެން ދުއްވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މާލެއާއި ހުޅުމާލެއިން މަދު މަދުން މިކަން ފެންނަމުން ދިޔަ ނަމަވެސް، އަތޮޅުތެރޭގައި ދެ މީހުންނަށްވުރެ ގިނަ މީހުން ސައިކަލަށް އަރައިގެން ދުއްވުމަކީ އާންމުކޮށް ފެންނަމުންދާ ކަމެއްކަމަށް ފުލުހުން ބުނެއެވެ.
މިކަމަކީ ކިހާ ނުރައްކާތެރިކަމެއްކަން ނޭނގިނަމަވެސް ނުވަތަ މަޖަލަކަށް ނަމަވެސް ކުރާތަން ފެންނަމުން ދެއެވެ. ދެ ކުދިން ނުވަތަ ތިން ކުދިން އެއްސައިކަލަކަށް އަރުވައިގެން ދުއްވުމަކީ އޭގެ ސަބަބުން އެ އެންމެންގެ ފުރާނައަށް އޮތް ނުރައްކާތެރިކަމެކެވެ. ނުރައްކާތެރި ހާދިސާއެއް ހިނގާނީ ކޮންއިރަކު ކިހިނެއްކަމެއް ނޭނގޭނެއެވެ. އެހެންކަމުން ގަވާއިދާ ހިލާފަށް ކުރެވޭ މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވަމާ ހިނގާށެވެ. ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މިފަދަ މައްސަލަތަކަކީ ހުށަހެޅޭ މިންވަރު މަދު މައްސަލަތެކެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޕޯޓު ކޮށްފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު، ދެ މީހުންނަށްވުރެ ގިނަ މީހުން އަރުވައިގެން ސައިކަލް ދުއްވައިގެން 2019 ވަނަ އަހަރު އެއް މައްސަލަ ރިޕޯޓު ކޮށްފައިވާއިރު 2020 ވަނަ އަހަރު ރިޕޯޓު ކޮށްފައިވަނީ ދެ މައްސަލައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު 2009/5 ގެ 56 ވަނަ މާއްދާގެ ދަށުން، ދެ ފުރޮޅުލީ އަދި ދެ މީހުންނަށް އެރޭގޮތަށް އުފައްދާފައި ހުންނަ އުޅަނދުތަކަށް ދެ މީހުންނަށްވުރެން ގިނަމީހުން އަރައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި މީހެއްގެ އެހީއަކާ ނުލައި އިށީނދެ ނުއިނދެވޭވަރުގެ ކުޑަކުދިން، ދެ މީހުންނަށް އެރޭގޮތަށް ހަދާފައި ހުންނަ ދެފުރޮޅުލީ އުޅަނދެއްގައި ގެންދަންވާނީ، ސޭފްޓީ ކަމަރު ބަނދެގެން، ދުއްވާ މީހާގެ ދެއަތާއި ދެފައި މިނިވަންކަމާއެކު ގެންގުޅެވޭ ގޮތަށެވެ.
އެހެންކަމުން މިފަދަ އުޅަނދުތަކުގައި މިނޫންގޮތަކަށް ކުޑަކުދިން ގޮވައިގެން ދުއްވުމަކީ މަނާކަމެކެވެ. އަދި އެއްގަމު އުޅަނދެއްގައި މީހުން އުފުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އުފުލައިފިނަމަ، އުޅަނދު ދުއްވި މީހާ 500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯނުލަނބައި އަމިއްލަ އުފަލަށް ކޮށްލެވޭ ކުޑަކުޑަކަމަކުން ވެސް ބޮޑު ހިތާމައެއް ލިބިދާނެކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ދެ މީހުންނަށްވުރެ ގިނަ މީހުން ނުވަތަ އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއް ސައިކަލަކަށް އަރުވައިގެން ދުއްވުމަކީ އެކަމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގައި އިއާދަ ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ހިންގައިދާނެ ކަމެކެވެ.
ގޭގައި ދިރިއުޅޭ ހުރިހާކުދިން ހިތްހަމަ ޖައްސައިދިނުމަށް ނުވަތަ ތިމާގެ އަމިއްލަ ހިންހަމަ ޖެހުމަށް މި ކުރެވެނީ ކިހާ ނުރައްކާތެރި ކަމެއްކަން ވިސްނާލަމާހިނގާށެވެ. ތިމާގެ ދަރިފުޅުގެ އުފަލަށް ނުވަތަ ގޭގައި އުޅޭ އެހެން ކުދިންގެ އުފަލަށް ދެ ކުދިން ތިން ކުދިން އެކުގައި ސައިކަލަށް އަރުވައިގެން ދުއްވުން ހުއްޓާލަމާ ހިނގާށެވެ. ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ މީހުން އަރުވައިގެން އުޅަނދު ދުއްވާތަން ފެންނަނަމަ ކަމާބެހޭ އިދާރާއަކަށް އެކަން ރިޕޯޓު ކުރާނެ ޒިންމާދާރު ފަރުދަކަށް ވަމާތޯއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް