ދިރާގު ޕްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ދީފި އެވެ.
އެ ކުންފުނިން ވެކްސިން ދީފައިވަނީ ސަރުކާރުން ފްރޮންޓްލައިން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ވެކްސިންގެ ބައިންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމަރުންނާ ސީދާ ބައްދަލުވާ މުވައްޒަފުންނެވެ.
ބަލިމަޑުކަމުގެ މި ދަނޑިވަޅު ވެސް މެދު ނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ދޭން މަސައްކަތް ކުރާކަމަށް ދިރާގުން ބުނެއެވެ. ބައެއް ހިދުމަތްތައް އޮންލައިންކޮށް ދެމުން އައި ނަމަވެސް ބައެއް ހިދުމަތްތައް އަދިވެސް ކަސްޓަމާ ސާވިސް ސެންޓަރުތަކުން ފޯރުކޮށްދޭ ކަމަށް ދިރާގުން ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ދިރާގުން ވަނީ އެ ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަން ކަށަވަރު ކުރަން ތަފާތު ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން، އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އުސޫލުތައް ބަދަލު ކޮށްފައި ވެއެވެ.
ކޮވިޑްގެ ތިން ވަނަ ރާޅުގެ މި ހާލަތުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދިރާގުން ވަނީ ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ކަސްޓަމަރުންގެ ފަރާތުން އެދިފައެވެ.
އިންޓަނެޓާއި މޯބައިލް ޕެކޭޖުތައް ބަދަލުކޮށް ފިކްސްޑް ބްރޯޑްބޭންޑާއި މޯބައިލް ޕެކޭޖުތަކުގެ ޔޫސޭޖު ބަލާލައި ބިލް ދެއްކުމާއި ދިރާގުގެ އެހެން ހިދުމަތްތައް ހޯދަން، ދިރާގުގެ އޮފީސްތަކަށް ދިއުމުގެ ބަދަލުގައި "މައިއެކައުންޓް" މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހިދުމަތް ދިނަސް އެޕޮއިންޓްމަންޓް ހައްދަން ޖެހެ އެވެ. އަދި އެޗްޕީއޭއިން އަންގާފައިވާ ގައިދުރު ކުރުމުގެ އުސޫލާ އެއްގޮތަށް ކޮންމެ ދުވަހަކު ވެސް ހިދުމަތް ދޭނީ ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް