ކޯވިޑް-19 އަށް ފަރުވާ ދެމުން ދަނިކޮށް އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު މަރުވެފައިވަނީ އުމުރުން 60 އަހަރުގެ އަންހެނެކެވެ. އެމީހާ މަރުވެފައިވަނީ ހެނދުނު 11:07 ގައި ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި އެވެ.
މިއީ މި ބަލީގައި ހަފްތާއެއްގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ. އަދި މިއީ މިބަލީގައި ރާއްޖެއިން މަރުވި 55 ވަނަ މީހާ އެވެ.
މިދިޔަ އާދިއްތަ ދުވަހު ކޯވިޑް ޖެހިގެން މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ. މިމަހުގެ ތިން ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔަ 70 އަހަރުގެ ފިރިހެނަކު މަރުވި އިރު ޖެހިގެން އަދި ދުވަހު ވަނީ އެތަނުގައި ފަރުވާ ދެމުން ދިޔަ އުމުރުން 84 އަހަރުގެ ފިރިހެނަކު މަރުވެފައި އެވެ.
މި ހަތަރު މީހުންނާއި އެކު ކޯވިޑް ޖެހިގެން މިއަހަރު މަރުވި މީހުންގެ އަދަދު ހަތަކަށް އެރީ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 16،656 މީހުންނެވެ. އޭގެ ތެރެއިން 14،556 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް