ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް ޔަޒީދު އަޙްމަދު

ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުމަށް  އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް އަލްފާޟިލް ޔަޒީދު އަޙްމަދު ސިވިލް ސަރ...

07 Feb 2021 | 07:28

ކަރަންޓާއި، ފެނާއި ނަރުދަމާ އަދި ކުނި މެނޭޖްކުރުމުގެ ޚިދުމަތްތައް ރެގިއުލޭޓުކުރުމަށް  އުފައްދާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވްގެ މަޤާމަށް އަލްފާޟިލް ޔަޒީދު އަޙްމަދު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އައްޔަނުކުރައްވައިފިއެވެ.

ޔަޒީދު މި މަޤާމަށް އައްޔަނުކުރުމާ ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވަނީ މިއަދު ޔަޒީދާ ބައްދަލުކުރައްވާ ތަޙްނިޔާ ވިދާޅުވެ ހިތްވަރު ދެއްވާފައެވެ. އަދި ދާއިރާގެ ރެގިއުލޭޓަރީ މަސައްކަތްތައް ޔަޒީދުގެ ބެއްލެވުމުގެ ދަށުން ހަރުދަނާކޮށް ތަރައްޤީކޮށްދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ޔަޒީދަކީ ސަރުކާރުގެ އެކި މަޤާމުތަކުގައި 17 އަހަރު ޚިދުމަތްކޮށް އޭގެ ތެރެއިން 12 އަހަރު ހިންގުމުގެ ދާއިރާގެ ސީނިއަރ މަޤާމުތަކުގައި އުޅުއްވާ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޔަޒީދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ކަމުގެ މަޤާމެވެ. އޭގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރގެ މަޤާމު ހިމެނެއެވެ.

ޔަޒީދު ކިޔަވާ ވިދާޅުވެފައިވަނީ ތިމާވެށީގެ ދާއިރާއިންނާއި ފެނާއި ނަރުދަމާގެ ސިވިލް އިންޖިއަރިންގ ދާއިރާއިންނެވެ. ޔަޒީދު ވަނީ މިދާއިރާއިން މާސްޓަރސް ޑިގްރީ ޙާސިލުކުރައްވާފައެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު ބުނާގޮތުން އެ އޮތޯރިޓީ ދުވަހުން ދުވަހަށް ހިންގުމުގެ އެންމެ އިސް ވެރިޔަކީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް