ވެރިކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ދުވަސް ހަތެއް ފެބްރުއަރީ 2012 ގެ ހަނދާންތައް ގެނުވަނީ ހިތުގައި ވިކަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އާކުރެއްވުމުގެ ގޮތުން ޓުވިޓާގައި އާންމު ކުރެއްވި ޅެންބައިތެއްގައި އެވެ. އާންމުކޮށް ހަތެއް ފެބްރުއަރީގެ ހަނދާންތައް ކޮންމެ އަހަރަކުވެސް ނަޝީދު އާ ކުރައްވަނީ ތަފާތު ޅެންބައިތުތަކުންނެވެ.
ނަޝީދު މިއަދު ލިޔުއްވާފައިވާ ޅެންބައިތުގައި ވިދާޅުވީ އެ ދުވަހުގެ ހަނދާންތަކަކީ ހިތުން ފިލުވާލެވޭނެ ތަދެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދާއި ހަމައަށް މިހާލަތު ގެނެސްފައި އޮތުމަކީ ކުޑަ ކުށެއް ނޫން ކަމަށެވެ.
"ހަނދާންތައް ހިތުގެ ވިކަމުން ގެނުވަނީ، ފިލުވޭ ތަދެއް ނޫނޭ" ކަމަށެވެ. އަދި "އަދާ ހަމައަށް މި ހާލަތު ގެނައުމީ، ކުޑަ ކުޑަ ކުށެއް ނޫނޭ" ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނުގެ ޅެންބައިތުގައި ވިދާޅުވެފައިވަނީ އެ ދުވަހު ކަންވެދިޔަ ގޮތަށް މައާފު ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ޒަމާންތަކަކަށްވި ގުރުބާނީއެއް ކަމަށް ވިދާޅުވެފައިވެ އެވެ.
"ޒަމާން ތަކަކަށް ވި ގުރުބާނީ، ފަނާވެވި ޖިސްމު އިންސާނީ އަމާންކަން ވެއްޓި އުދުވާނީ، މައާފު ކުރާ ވަރެއް ނޫނޭ" ނަޝީދުގެ ޓުވީޓުގައި ލިޔުއްވާފައިވެ އެވެ.
https://twitter.com/MohamedNasheed/status/1358264253686243328
މީގެ ހަތް އަހަރު ކުރިން ފެބްރުއަރީ ހަތްވަނަ ދުވަހު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ އިދިކޮޅުން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރާތާ 22 ރޭ ފަހުންނެވެ. އަދި ފުލުހުންނާއި ސިފައިން އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ނުކުތުމުންނެވެ.
އެކަމަކު އެދުވަހު ނަޝީދުގެ ވެރިކަމާއި ދެކޮޅަށް އިސްކޮށް މުޒާހަރަ ކުރި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ގިނަ ބޭފުޅުން މިއަދު ތިއްބެވީ އެމްޑީޕީ އާއި އެކު ސަރުކާރު ހިންގާ ކޯލިޝަންގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް